ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސް އިންވެސް އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފިއެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުއިއްޒާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ޑިމޮކްރެޓްސްއިން ވަނީ އެޕާޓިން ހުށައެޅި ކަންކަމަށް އެއްބަސްވުމަށް މިއަދާ ހަމައަށް ސުންގަޑި ދީފަައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސް އިން ވަނީ އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިިންމާފައެވެ.

ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ ނިޒާމު ބަދަލުކުރުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލުކުރާނެ ވަކި ގޮތެއް ނިންމުމަށްޓަކައި ޑިމޮކްރެޓްސްގެ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންގޮސް، ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި އެ ޕާޓީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ރައީސް ސާލިހް ނޫން ގޮތެއް ހޯދަން ޖެހޭކަމަށް ބުނެފައެވެ.

އަދި ޑިމޮކްރެޓްސްއިން ވަނީ އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންނުވުމުގެ ސަބަބުން އެ ޕާޓީން ޕީޕީއެމާ އެކު ކުރި މަޝްވަރާތައް ހުއްޓާފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.