މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ނިންމަވައިފިއެވެ.

ފާރިސް މި ނިންމެވުން ހާމަކުރެއްވީ، އެމްއާރްއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ފަންސާސްއިން ސައްތަ ލިބިވަޑައި ނުގެންނެވުމުން ދޭހަވަނީ އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާކަން ކަމަށެވެ.

ފުރަތަމަ ބުރުން ލިބިވަޑައިގެންނެވި ވޯޓުން ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތްކަން ހާމަވާކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވ ދެވަނަ ބުރެއްގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރި ނަމަވެސް އޭނާއަށް ވޯޓުލީ ރައްޔިތުން އެ ކެންޑިޑޭޓަކަށް ތާއީދުކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ފާރިސް ވަނީ ދެ ވަނަ ބުރުގައި އޭނާގެ ޓީމުން އަމަލުކުރާނެ ގޮތެއް ނިންމުމުގެ ކުރިން، އެކުގައި މަސައްކަތް ކުރުމަށް ޕީއެންސީއަށްވެސް އަދި އެމްޑީޕީއަށްވެސް ހުށަހެޅުންތައް ހުށަހަޅުއްވައިފައެވެ.

އެ ދެ ޕާޓީއާއެކު ކުރި މަޝްވަރާތައް ވަރަށް ދިގުލައިގެން ގޮސްފައިވާ ކަމަށާއި މަސައްކަތް ކުރަމުން ދިޔައީ ގައުމު އިސްލާހު ކުރުމަށް ކުރަން ޖެހޭ މުހިންމު ކަންކަން އެ ބޭފުޅުންގެ މެނިފެސްޓޯއަށް އިތުރުކުރެއްވުމަށް ކަމަށް ފާރިސް ވަނީ ހާމަކުރައްވާފައެވެ.

މުޅި ސިޔާސީ ސިސްޓަމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަކީ ޓީމުގެ ބޭނުންކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ، ބޮޑު ޕާޓީއަކާ ގުޅިގެން އެ ކަންކަން ކުރަން ދަތިވާނެ ކަމަށެވެ. ސަބަބަކަށް ފާރިސް ވިދާޅުވީ އެ ޕާޓީއެއްގެ އާއްމު މެންބަރުންގެ މަސްލަހަތު މުޅި ރައްޔިތުންގެ މަސްލަހަތަށްވުރެ އިސްކުރާނެކަން ޔަގީންކުރެވޭތީ ކަމަށެވެ.

ފާރިސް ވިދާޅުވީ، ރިޔާސީ އިންތިހާބަށް އޭނާ ހުށަހެޅުއްވި މެނިފެސްޓޯއަކީ ޕްލެޓްފޯމެއްގެ ގޮތުގައި ބަލައި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް އެމްއާރުއެމުން ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ނެރުމުގެ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ފާރިސް އިތުރަށް ވިދާޅުވީ، ކޮންމެ ސަރުކާރެއް އައި ނަމަވެސް އެ ސަރުކާރަކުން އެ ބޭފުޅުންގެ ފަންނީ އެހީތެރިކަން ބޭނުންނަމަ އެކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިމަހު 30 ގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީއިންތިހާބުގެ ދެވަނަ ބުރުގައި، އިންތިހާބަށް ކުރިމަތިލައްވައި ކާމިޔާބު ލިބިވަޑައިނުގެންނެވި ފަރާތްތަކުގެ ތެރެއިން ކޯލިޝަން ހައްދަވާފައިވަނީ އެމްއެންޕީ، ކާނަލް މުހައްމަދު ނާޒިމެވެ. އެހެން ޕާޓީތަކާއި ހުރިހާ މިނިވަން ކެންޑިޑޭޓުންވެސް ވަނީ ވަކިކޮޅަަކަށް ތާއީދު ނުކުރަން ނިންމާފައެވެ.