އެމްޑަބްލިއުއެސްސީއަށް ސްޓެލްކޯގެ ކަރަންޓު ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި، ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ގޮތުން ކަމަށެވެ.
ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރުސެޓު ބޭނުންކޮށްގެން ކަރަންޓު އުފައްދަމުންގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން މިހާރު ދަނީ ސްޓެލްކޯގެ ގްރިޑަށް ބަރޯސާވަމުންކަން ފާހަގަކުރައްވައި ސްޓެލްކޯއިން ބުނީ އެމްޑަބްލިއުއެސްސީ އަށް ކަރަންޓު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީ އަކީ ކުރިން އެ ކުންފުނީގެ އަމިއްލަ ޖަނަރޭޓަރު ސެޓެއް ބޭނުންކޮށްގެން ކަރަންޓު ބޭނުންކުރި ކުންފުންޏެކެވެ.
ސްޓެލްކޯއިން ދާދިފަހުން ވަނީ ހުޅުމާލޭގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެންސިސް ކުންފުންޏާއެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.