ރަޝިޔާއަށް ލިބިދީފައިވާ އދ.ގައި ވީޓޯ ކުރުމުގެ ބާރު އެގައުމުގެ އަތުން އަތުލުމަށް ޔޫކްރައިނުގެ ރައީސް ވްލަޑިމީރް ޒެލެންސްކީ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގޮވާލައްވައިފިއެވެ.

ވީޓޯ ކުރުމުގެ ބާރު ރަޝިޔާ އަތުން އަތުލުމަށް ޒެލެންސްކީ ގޮވާލެއްވީ 193 މެމްބަރު ގައުމު ހިމެނޭ އދ.ގެ ސެކިއުރިޓީ ކައުންސިލް ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫކްރައިނާ ދެކޮޅަށް ރަޝިޔާއިން ފަށާފައިވާ ޢުދުވާނަށް 19 މަސް ދުވަސް ވެފައިވާ ކަމަށާއި މިޢުދުވާނުގައި ރަޝިޔާއިން ލާއިންސާނީ އެތައް ޢަމަލެއް ހިންގަމުން އަންނަ ކަމަށެވެ. އަދި މިއީ ރަޝިޔާއިން ފަށާފައިވާ ޢުދުވާންތައް ހުއްޓުވުމަށް ސެކިއުރިޓީ ކައުންސިލަށް އެމަނިކުފާނު ހުށަހަޅުއްވާ ހުށަހެޅުއްވުމެއްކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.

ޒެލެންސްކީގެ ވާހަކަފުޅަށް ރައްދު ދެއްވައި ރަޝިޔާހެ ޚާރިޖީ ވަޒީރު ސާޖީ ލަވްރޯވް ވިދާޅުވީ ޒެލެންސްކީއަކީ މޮޔަ ވާހަކަދައްކަވާ "ކޮމެޑިއަނެއް" ކަމަށް ސިފަ ކުރައްވާފައެވެ.