ސަރުކާރުގެ އެކި ބޭނުންތަކަށް ބޭނުންވާ ކަނޑު އުޅަނދުތައް ބަނުމުގައި ބޭރުގެ ފަރާތްތަކަށް އިސްކަން ދިނުމުގެ ބަދަލުގައި ދިވެހިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ހުއްޓުމެއް ނެތި، ނުހަނު ވަރުގަދަ އަޒުމަކާއި ގަދަފަދަ ހިތްވަރަކާއެކު އެހާމެ ރޭވުންތެރި، ހިންގުންތެރި ގޮތެއްގައި ކުރިއަށް ގެންދާ އިންތިހާބުގެ ދެވަނަ ބުރުގެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެމްޕެއިނު ކެމްޕޭންގައި ރ. އިންނަމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އިންނަމާދޫ ރައްޔިތުންނާ މުހާތަބު ކުރައްވައި މުއިއްޒު ވިދާޅުވީ، އިންނާދޫއަކީ އެރަށުގެ ރައްޔިތުން ފެށުނީއްސުރެ ބޯޓުފަހަރާއި، ކަނޑު އުޅަނދު ބަނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ރަށެއް ކަމަށެވެ. ނަމަވެސް އެމަސައްކަތަށް މިސަރުކާރުން މާބޮޑު އިޖާބައެއް ނުދޭކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމުގައި އިސްކަން ދެއްވަނީ ބޭރުގެ ފަރާތްތަކަށް ކަމަށެވެ.
ނަމަވެސް މިކަން ނިމުމަކަށް ގެނެސް ދެން އުފެދޭ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މިކަން ބަދަލުކޮށް ސަރުކާރަށް ބޭނުންވާ އުޅަނދުތައް ބަނުމުގައި ބިޑްކުރުމަށް ދިވެހިންނަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މުއިއްޒު ވަނީ އިންނަމާދޫގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހުށަހަޅުއްވާފައެވެ.
އިންނަމާދޫއަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:
- ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކޮށްދިނުން
- އޭޓީއެމްއެއް ގާއިމް ކޮށްދިނުން
- ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާ ރަނގަޅު ދަނޑެއް އަޅައިދިނުން
- ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް އިތުރަށް ފުރިހަމަކޮށްދިނުން
- ބޯހިޔާ ވަހިކަން ކަށަވަރުކޮށްދޭން ޖާގަ އޮތް މިންވަރަކުން، މަޝްރޫޢުތައް ކުރިއަށް ގެންދިނުން
މުއިއްޒު ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށްފަހު ހިދުމަތް ކުރާނީ އެއްވެސް ތަފާތެއްނެތި ހަމަހަމަ އުސޫލުން ކަމަށެވެ.
އަބަދުވެސް އިސްކުރައްވާނީ ދިވެހި ރައްޔިތުންކަމަށާއި، ރައްޔިތުން ނޭދޭ ގޮތަކަށް ވެރިކަން ކުރުމުގެ ޖާގަ ނުދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.