ވެރިކަމަށް އަންނަ ޕާޓީތެރެއަށް ވަދެ ކޭކުފަޅައިގެން ކޭކު ބަހައި، ކޭކުން ބައި އެޅުމަކީ ގަބޫލު ކުރައްވާކަމެއް ނޫންކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުންވާދަކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ރޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރުގެ"ނިއު ޑިރެކްޝަން" ޓީމުގެ ނިންމުން ހާމަކުރުމަށް ކެމްޕޭން ސްޓޫޑިއޯ ގައި އޮތް ލައިވް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވަކީން ތާއީދު ނުކުރައްވާކަން އިއުލާން ކުރައްވައި އުމަރު ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އަޔަސް އެބަޔަކު އަމިއްލައަށް ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެންޕާޓީތަކުން ވެރިކަމަށް އަންނަ ޕާޓީ ތެރެއަށް ވަދެ އެމިނިސްޓަރީ، މި މިނިސްޓަރީ ހަދައިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކޮންމެ ޕާޓީއެއްގެ ވެރިކަމެއް އަޔަސް އެބަޔަކު އަމިއްލައަށް ވެރިކަމެއް ކުރުމުގެ ފުރުސަތު ދޭން ވާނެ. އެހެންޕާޓީތައް ވަދެ ކޭކު ފަޅައިގެން އެމިނިސްޓަރީ އަޅުގަޑަށް މި މިނިސްޓާރީ އަޅުގަނޑަށް އެހެން ހަދައިގެން ނުވާނެ، ވަރަށްބޮޑު ފުރުސަތެއް ދެޕާޓީއަށް ލިބިފައިމިވަނީ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި މިފަހަރު ވެރިކަމަށް އަންނަ ބަޔަކަށް ޝަކުވާ ކުރާނެ ފުރުސަތެއް ނޯންނާނެއެވެ. މިވެނިކަމެއް ކޮށްނުދެވުނީ ކޯލިޝަންގެ އެވެނިބަޔަކު މިވެނި ގޮތަކަށް ތިބުމުން ކަމަށް ބުނެވިގެންނުވާނެކަމަށެވެ.

"އެއްވެސް ފަރާތަކުން ކޭކުފަޅާކަށް ނާދޭ، ދެން ވެރިކަމަށް އަންނަ ބަޔަކަށް ޝަކުވާއެއް އޮވެގެން ނުވާނެ، މިވެނި ކަމެއް ކޮށްނުދެވުނީ ކޯލިޝަންގެ އެވެނިބަޔަކު މިވެނި ގޮތަކަށް ތިބެގެންނޭ ބުނެވިގެން ނުވާނެ، ކޮންމެ ޕާޓީއަކަށްވެސް ލިބިގެންދާނެ އެމީހުންގެ ކޭކު އެއްކޮށް ކާލުމުގެ ފުރުސަތު ލިބިގެންދާނެ، އަޅުގަނޑުމެން މިތިބީކީ ކޭކު ފަޅައިގެން އެއްގޮތަކަށްވެސް ކޭކު ބަހާގޮތަކށް ނޫން، އަޅުގަނޑުމެން ގަބޫލު ކުރާ ކަމެއްނޫން ތިކޭކުން ބައި އަޅުގަނޑުމެންނަށް އެޅުން އެއީކީ،"

އިންތިހާބުގައި ވޯޓުން ކާމިޔާބު ނުކުރެއްވުނަސް ހިތްތައް ކާމިޔާބުކުރެވިއްޖެކަމަށާއި މިބިންގަލުގެ މަތީގައި ހައްލަކީ އުމަރު އިންގިލާބު ރާއްޖޭގެ ސިޔާސީ މަސްރަހަށް ގެނައި ބޮޑުބަދަލު ދެންއަންނަ އިންތިހާބެއްގެ ވޯޓުފޮށިން ފެނިގެންދާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައވެ.

އުމަރު ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަަށް އަރައިގެން މަސައްކަތް ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫންކަމަށެވެ. އުމަރު ވިދާޅުވީ މިހާރު އޮތް ބޮޑު ދެޕާޓީއަށް ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ނުގެނެވޭނެކަމަށެވެ. ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ގެނެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ޑްރަގުގެ މައްސަލަތަކާއި، ގޭންގު މައްސަލަތަކާއި، އެނޫންކޮށް ކުށްތައް ކުރުން ހުއްޓުވޭނީ ރާއްޖޭގައި އެކަން ކުރެވޭނެ ވަރުގެ ކޮރަޕްޝަނާއި، ފަސާދައަށް ތާއީދު ނުކުރާ ފަސްބައި ސާފު ލީޑަރަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އުމަރަށް ފުރަތަމަ ބުރުގައި ވޯޓު ދިނީ އެދެޕާޓީގެ ސިޔާސަތު ތަކަށް ތާއީދު ނުކުރާ، ރާއްޖެއަށް ހެޔޮ ބަދަލު ގެންނަން ބޭނުންވާ ރައްޔިތުން ކަމަށް އުމަރު ވަނީ ހާމަކޮށްފައެވެ.

"އަޅުގަނޑު ނެތިން ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާ ކޮޅަށް އަރާކަށް. މިހާރު މިއޮތް ބޮޑު ޕާޓީއަށް ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ނުގެނެވޭނެ. އެކަން ކުރެވޭނީ އިސްލާމީ ޝަރީއަތު މިތާގައި ތަންފީޒު ވެގެން،" އުމަރު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބަކީ އާދަޔާހިލާފު އިންތިހާބެއްކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ މި އިންތިހާބުގައި އުމަރާއި އުމަރުގެ ޓީމުން ކުރި މަސައްކަތަށް ދިވެހި ރާއްޖޭގެ އެކި ހިސާބުތަކުން ދިން ތަރުހީބަށް ބަލާއިރު، އެތައް އެތައް ލައްކައަކުން ހަރަދުކުރި ފަރާތްތަކަށްވުރެ އުމަރަށް ލިބިވަޑައިގެންނެވި ވޯޓު ގިނަކަމާއި ރައްޔިތުންގެ ހިތްތަކުން ލިބުނު ޖާގައާއި ލޯބި ބޮޑުކަމަށެވެ.

"މިފަހަރުގެ މި އިންތިހާބުގައި އާދަޔާހިލާފު، އަޅުގަނޑުމެން ހަރަދު ކުރީ ލައްކައެއްހާ ރުފިޔާ. ތައްޔާރުކުރީ ސަތޭކަވިހި ހުދު ބެނާ، އަޅުގަނޑުމެން ތައްޔާރުކުރީ 200 ޓީޝާޓް، ކަރުދާހުން ޕޯސްޓަރެއް ޕްރިންޓު ނުކުރަން، ކެންވާސް ތައްޔާރު ނުކުރަން، އެއްވެސް މަގެއްގައި ދިދަ ފައްޗެއް ނުދަމަން، އެކަމަކު އަޅުގަނޑުމެންނަށް ވުރެ ފަހަތަށްދިޔަ އެތައް މިލިއަނުން ހަރަދުކުރި ބަޔަކު، މީގެއިން ޔަގީންވި ކަމަކީ ޖަގަހަތަކާ އެއްޗެއްސަކީ ބޭކާރު ޖަގަހަތައް ހަދާފައި ލަވަޖަހައި ކެރަމް ކުޅުނަސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެކަން،" އުމަރު ނަސީރު ވިދާޅުވިއެވެ.

ބޮޑެތި ޖަގަހަތައް ހުޅުވައިގެން ކެރަމްކުޅެ، ލަވަޖަހައި ހެދިޔަކަސް އަދި ސިޔާސީ މަސައްކަތްތަކެއް ނުކުރެއްވޭނެކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެނެއްކަމަކު، ސިޔާސީ މެސެޖެއްހިފައިގެން އަޒުމާއި ހިތްވަރާއެކުގައި ބަޔަކު މަސައްކަތް ކޮށްފިއްޔާ އެކަމެއް ކާމިޔާބުވާނެކަމުގެ ފުރިހަމަ މިސާލެއް މިއިންތިހާބުން ފެނިގެން ދިޔަކަމަން ފާހަގަކުރައްވައި ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި ކާމިޔާބީން އެކަން ހާމަވާކަމަށެވެ.

"އެކަމަކު ސިޔާސީ މެސެޖެއް ހިފައިގެން އަޒުމާ ހިތްވަރާއެކުގައި ބަޔަކު މަސައްކަތް ކޮށަފިއްޔާމު އެކަމުން ކާމިޔާބު ވާނެކަމުގެ ފުރިހަމަ މިސާލެއް މިފހަރު ފެނިގެން މިދިޔަައީ. ވަކިން ހާއްސަކޮށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ފައިސާ ދޫކޮށްލާފައި އަމާނާތްތްތެރިކަމަށް ވޯޓުދޭ ތެދުވެރިން ސިޔާސީމައިދާނުގައި ތިބިކަން ސާބިތުވެގެން ދިޔައީ ވޯޓުދެއްވި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ފަށްފަށަށް ޝުކުރުދަންނަވަން،" އުމަރު ނަސީރު ވިދާޅުވިއެވެ.

ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ދައްކަވަނީ / ވަކާލާތު ކުރައްވަނީ 2008 ވަަނަ އަހަރުގެ ކުރީން ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ.

ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ސިޔާސީ މައިދާނުގައި އަޑުގަދަ ބައެއް ބޭފުޅުން މި ފަހަރު ހޯއްދެވި ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާއެކެވެ. އުމަރު ނަސީރު، 6،343 ވޯޓާއެކު، ހަތަރުވަނަ ހޯއްދެވުމަކީ ގިނަ ބަޔަކަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބުނު ކަމެކެވެ. އޭނާ އެ މަގާމު ހޯއްދެވީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސާލުމަށް ފަހުއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ހަތަރު ވަނަ އަށް ދިޔައީ 5،460 ވޯޓާ އެކީގައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވާފައެއް ނުވެއެވެ. އޭގެ ތެރޭގައި ގާސިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބާއި އެ ޕާޓީގެ ވިސްނުން ވެސް ހުރީ އިންތިހާބުގައި ވަކި ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ. ޕީޕީއެމް/ޕީއެންސީ އާ ހަމައެކަނި ކޯލިޝަން ހެއްދެވީ، އިންތިހާބުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ.