ވަޒީފާއިން މުސްކުޅިކުރެވުމަށްފަހު ހަރަދުކުރުމަށް ހަމަޖެހިފައިވާ ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމަށް ހުޅުވާލެވިދާނެ ތިން ހާލަތާއި އެކަމުގެ ތަފްސީލު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވިދާޅުވެ ދެއްވައިފިއެވެ.

ޑރ. މުއިއްޒު މި ތަފްސީލު ދެއްވީ ޕެންޝަން ފަންޑަކީ ވަޒީފާއިން މުސްކުޅިވާ ދުވަހު ހަރަދުކުރުމަށް ރައްކާކުރެވޭ ފައިސާއެއް ކަމާއި ޕެންޝަން ފަންޑަކީ ފަސޭހައިން ނެގޭގޮތަށް އޮންނަ ފަންޑަކަށް ހަދައިފިނަމަ ރިޓަޔަރމެންޓަށް ދާއިރު އެމީހާ ބޭނުންކުރާނެ ފައިސާއެއް ނުހުންނާނެ ކަމަށާއި، އަދި ޕެންޝަން ފަންޑަށް އެގޮތަށް އެކްސެސް ދިނީމަ މުސްތަގްބަލްގައި ވާނީ ކިހިނެތްތޯ "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެކަމަކީ އާންމު ރައްޔިތުންނަސް ވަރަށް ބޭނުން ޖެހިފައި އޮތްކަމެއް ކަމަށެވެ. އަދި ޕެންޝަން ފަންޑަކީ ޖަމާކުރާ ފައިސާ ރިޓަޔަރ ވާއިރު ނެގޭގޮތަށް އޮންނަ އެއްޗެއް ގޮތުގައި އޮތް އޮތުމުގެ ބަދަލުގައި މުހިންމު 3 ކަމަކަށް އެ ފައިސާއިން ވަކި ވަރެއް ބޭނުންކުރެވޭނެ ގޮތަށް ޑރ. މުއިއްޒުގެ ސަރުކާރެއްގައި ހަދައިދެއްވާނެ ގޮތުގެ ފޯމިއުލާ ވިދާޅުވެ ދެއްވިއެވެ.

ގާނޫނުގެ ތެރެއިން މިހާރުވެސް އެޕާޓްމެންޓެއް ގަތުމަށް އަދި ފުރަތަމަ ފަހަރު ޙައްޖަށް ދިއުމަށް ކޮންމެސް ވަރަކަށް ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވުނު ނަމަވެސް އެއީ އެހާ ފަސޭހައިން ހަމަޖެހޭ ކަމެއް ނޫންކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން އެމީހެއްގެ ޕެންޝަން ފަންޑަށް ވަކިވަރަކަށްވުރެ ބޮޑުއަދަދެއް ޖަމާވެފަ ހުރިއްޔާ އޭގެން މައިގަނޑު 3 ކަމަކަށް ފައިސާ ނެގޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ، ގެދޮރު ބިނާކުރުމާއި، ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލު ކުރުމާއި، ކުދި އަދި މެދު ފަންތީގެ ކޮންމެވެސް ކަހަލަ ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭނެ ގޮތަށް ހެދުމަކީ ރަނގަޅު ކަމެއްކަމުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.

"ގެދޮރު ބިނާކުރުމަށްޓަކައި ވަކިވަރެއް ނެގޭގޮތަށް، ރާއްޖޭން ނުހެދޭ ކޯހެއް ހެދުމަށް ސްކޮލަރޝިޕް ނުލިބޭ ޙާލަތުގަ، ދަރިން ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވަން ކޮންމެސް ވަރެއް ނެގޭގޮތަށް، ތިން ވަނަ ކަމަކަށް ކުދި އަދި މެދު ފަންތީގެ ކޮންމެސް ކަހަލަ ވިޔަފާރިއެއް ފައްޓަން އެމީހަކަށް ޖަމާވެފަހުރި ފައިސާއިން ފައިސާކޮޅެއް ނަގަން. މި މައިގަނޑު ތިން ކަންތަކަށް ކޮންމެވެސް ވަރަކަށް ފައިސާ ނެގޭގޮތަށް ހެދުމަކީ ރަނގަޅު ކަމެއް،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިޢިއްޒު ވިދާޅުވީ އެއީ ވަރަށްގިނަ ރައްޔިތުންގެ ފަރާތުން އައިސްފައިހުރި ޝަކުވާތަކެއް ކަމަށާއި، އެކަން ކުރެވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.

މިހާރު ޕެންޝަން ފަންޑުގައި ވިހި ބިލިއަން ރުފިޔާ ޖަމާވެފައި ހުރިކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުން އެކިކަހަލަ ކަންކަމަށްވެސް ޕެންޝަން ފަންޑުގެ ބޭނުން ހިފާ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑު އިތުރަށް ފުޅާކޮށް ހަރުދަނާ ކުރެވޭނެ ގޮތްތައްވެސް އެބަހުރި ކަމަށާއި އެހެންކަމުން އެ ފަންޑަށް އިތުރަށް ފައިސާ ވަންނާނެ ގޮތްތައް ހޯދަމުން އިންވެސްޓްމެންޓް ތަކަށް އެފުރުސަތު ދެމުން ވަކިވަރަކަށްވުރެ ގިނައިން ޖަމާވެފަ ހުރިއްޔާ އެ ފުރުސަތު ދިނުމަކީ އާންމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައޮތް ކަމެއް ކަމަށެވެ.

ޓެކްނިކަލީ އެކަން ކުރާނެ ގޮތުގެ ފޯމިއުލާ ނެރެވޭނެކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެކަމުން ވާނެ ގެއްލުމެއް ނޯންނާނެ ކަމަށާއި، އޭރުން ރިޓަޔަރމެންޓަށް ފަހުވެސް ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

"ޓެކްނިކަލީ އެކަން ކުރެވޭނެ ފޯމިއުލާއެއް ނެރެވޭނެ. މިކަމުން ވާނެ ގެއްލުމެއްނޯންނާނެ. ޕެންޝަން ފަންޑު ކުރިއަރައި، ރައްޔިތުންނަށް އޭގެ ފައިދާ ވާނެ. ރިޓަޔާ ވާ ހިސާބުންވެސް ފައިދާ އޮންނާނެ" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އެ ތިން ކަންތަކަކީ އާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ކަންކަން ކަމަށެވެ.