މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލޭގެ ހުޅަނގަށް އޮންނަ ފަޅުން 62.6 ހެކްޓަރުގެ ބިން ހިއްކަން ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގައެވެ. އެކުންފުންޏަށް ވަނީ ހުޅުމާލޭ ފަޅުގެ އިތުރުން ތިލަފުށިން އިތުރު ބަޔަކާއި ދިޔަނެރު ފަޅު ވެސް ހިއްކަން ހަވާލުކޮށްފައެވެ.

އާބަންކޯއިން މިއަދު ބުނީ އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގަމުންދާ ތަފާތު ތަރައްގީގެ މަޝްރޫއުތަކުގެ ބައެއް ކަމަށެވެ.

"މި މަޝްރޫއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެއް،" އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ފޭސް ތިނެއްގައި ވެސް ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުންޏެވެ. އެގޮތުން މަގުތަކާއި ބްރިޖުގެ އިތުރުން ހިތްގައިމު ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

"މިއީ ދިރިއުޅުމުގެ ވައްޓަފާޅި ބިނާކުރުމަށްޓަކައި ކުރިއަށް އެޅޭ ފިޔަވަޅެއް" އާބަންކޯއިން ބުންޏެވެ.

ހުޅުމާލެ ތިނެއް ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތީގެ އިންކަނޑައިދިނުމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.

މާލޭ މީހުންނަށް ގޯތި ދޭން ހިންގާ "ބިންވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ތިނަކުން 700 ގޯތި ދޫކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 4،000 އަކަފޫޓުގެ 24 ގޯއްޗާއި 3،650 އަކަފޫޓުގެ 16 ގޯއްޗާއި 3،250 އަކަފޫޓުގެ 43 ގޯއްޗާއި 2،850 އަކަފޫޓުގެ 61 ގޯއްޗާއި 2،450 އަކަފޫޓުގެ 132 ގޯތީގެ އިތުރުން 2،060 އަކަފޫޓުގެ 243 ގޯތި އަދި 1،650 އަކަފޫޓުގެ 181 ގޯއްޗެވެ.