ރެޑްބުލް ލައިޕްޒީގުން ވިދާލި ޒުވާން ކޯޗް ހޫލިއަން ނާގްލްސްމަން ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނިޔަލަށް ޖަރުމަނު ގައުމީ ޓީމުގެ ކޯޗް ކަމުގެ މަގާމަށް އިއްޔެ ހަމަޖައްސައިފިއެވެ.

ޔުރޯ ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރު ޖަރުމަނުގައެވެ. ޖަރުމަނު ގައުމީ ޓީމަށް ނާގަލްސްމަން ހަމަޖައްސާފައި މިވަނީ، މިދިޔަ ސީޒަނުގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ބަޔާން މިޔުނިކާއެކު އޭނާ ހޯދަމުން ދަނިކޮށް ސީޒަނުގެ މެދަކާ ހިސާބުން އެޓީމުގެ ކޯޗްކަމުގެ މަގާމުން އޭނާ ވަކިކުރި ފަހުން އެއްވެސް ކްލަބަކާ ނުގުޅި ހުއްޓައެވެ.

ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަނު ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އޭގެ 3 ދުވަސް ފަހުން މެކްސިކޯއާ ދެކޮޅަށްވެސް އެކުވެރިކަމުގެ މެޗެއް ޖަރުމަނުން ކުޅޭނެއެވެ.

ނާގްލްސްމަން ،36، ވެގެންދާނީ ޖަރުމަނު ގައުމީ ޓީމުގެ ތާރިހުގައި ގައުމީ ޓީމަށް އިރުޝާދުދޭ ދެވަނައަށް އެންމެ ޒުވާން ކޯޗަށެވެ. ޖަރުމަނު ގައުމީ ޓީމުގެ ކޯޗްކަން ހުރި އެންމެ ޒުވާން ކޯޗުގެ ޝަރަފް އޮންނަނީ 1926 ވަނަ އަހަރު ޖަރުމަނަށް އިރުޝާދުދިން އޮއްޓޮ ނާޒް އަތުގައެވެ. ނާޒްއަކީ ޖަރުމަނު ގައުމީ ޓީމުގެ ފުރަތަމަ ކޯޗެވެ. ކޯޗަކަށް އޭނާ ހަމަޖެއްސިއިރު އުމުރަކީ އެންމެ 34 އަހަރެވެ.