ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތަށް، ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނަގަން ނިންމާފައިވާ ކަމަށް އިލެކްޝަންސް (އީސީ) އިން ބުނެފިއެވެ.
އީސީން މިކަން ހާމަކޮށްފައި ވަނީ ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައެވެ. އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ކުރިއަށް މިއޮތް އޮކްޓޯބަރު މަހުގެ 29 ގައި ވޯޓު ނަގަން ވަނީ ނިންމާފައިކަމަށެވެ. ވުމާއެކު، ބަޖެޓް ލިބުނުހާ އަވަހަކަށް، އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށްޓަވާނެ ކަމަށް ފުއާދު ވިއެވެ.
އިތުރު ތަފުސީލު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނަގަން އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާއެކު އެ ވޯޓު ނެގުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ފޮނުވާފައިވާ ގަރާރުގައި، އެ ވޯޓު ނަގާ އިރު ރައްޔިތުން ކައިރީ އަހަންވީ ސުވާލު ސާފުކޮށްދީފައި ނުވާކަމަށް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ މި ކަހަލަ އާންމު ވޯޓެއް ނަގާއިރު ވޯޓު ނަގާ މައުޟޫއަކީ ކޮބައިކަން އެނގެންޖެހޭ ކަމަށެވެ. ރައްޔިތުންގެ ކައިރީގައި އަހަންޖެހޭ ސުވާލަކީ ކޮބައިކަން އެނގެންޖެހޭ އިރު، އެ ސުވާލެއް ލިބިފަ ނެތްކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ގާތުގައި އިލެކްޝަންސް ކޮމިޝުން އަހަންވީ ސުވާލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ފޮނުވައިދިނުމަށް މަޖިލީހުގައި ދަންނަވާފައި ވާނޭކަމަށެވެ.
ހަބީބު ވިދާޅުވީ، އެ ސުވާލާއެކު އިތުރު މައުލޫމާތުވެސް ބޭނުންވާ ކަމަށާއި އެގޮތުން ސުވާލާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވާއިރު، ހުއްޖަތްތަކީ ކޮބައިތޯއާއި ގެއްލުންތަކާ ފައިދާތަކަކީ ކޮބައިތޯ އެނގެންޖެހޭ ކަމަށެވެ. އަދި ވޯޓުލާން މީހަކު ދާއިރު ވޯޓުލާން މި ޖެހެނީ ކީއްވެގެންތޯ އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނިޒާމީ ވޯޓު ނެގޭނީ އެކަމަށް ބޭނުންވާ ބަޖެޓުވެސް ލިބިގެންކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ، ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާއިރު، ވޭތުވެދިޔަ 15 އަހަރުގައިވެސް އެ ކަމާބެހޭ އުސޫލެއް މަޖިލީހުން ފާސްކޮށްފައިނުވާ ކަމަށެވެ. އެހެންވެ އެ ވޯޓާ ގުޅޭ ގަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލުުގެ މަސައްކަތް ކުރަމުުން އަންނަ ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އެ އުސޫލު ގެޒެޓަށް ފޮނުވާނެ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.