އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރީ-ރެޖިސްޓްރޭޝަންގެ މައްސަލައާ ގުޅިގެން ޝަކުވާ ހުށަހަޅަން ރޭ ހުޅުވާލި ފުރުސަތުގައި މިހާތަނަށް 34 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިމައުލުމާތު ހާމަކުރީ ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައެވެ.

ނޫސްކޮންފަރެންސްގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ލިބިފައިވާ ޝަކުވާތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ، ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަނާޅައި، ފޯމު ހުށަހެޅި ކަމަށް ކޮށްފައިވާ ޝަކުވާތައް ކަމަށެވެ. ނަމަވެސް އޮންލައިންކޮށް ނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ފޯމު ހުށަހަޅާފައިވާ ނަމަ، އެކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރީ ރަޖިސްޓްރީ ކުރި މީހުންގެ އަދަދާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށައެޅިނަމަވެސް، ހުށައެޅޭ ޝަކުވާތަކަށް ބަލާއިރު މާބޮޑު މައްސަލައެއް ހުރިކަމަށް ފާހަގަ ނުވާކަމަށެވެ. އެގޮތުން މިހާތަނަށް ހުށައެޅީ 43 ޝަކުވާއެއްކަން ހަބީބު ފާހަގަކުރެއްވިއެވެ.

ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތު މިރޭ 9:00 އަށް ހަމަވާއިރު ޝަކުވާ ހުށަހެޅުމަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ. އެހެންކަމުން ވޯޓުލުމަށް ހަމަޖެހިފައިވާ ތަން ޔަގީންކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އީސީން ބުނި ގޮތުގައި ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅީ 50،047 މީހުންނެވެ. އެއީ އޮންލައިންކޮށް ހުށަހެޅި 26،011 މީހުންނާއި ފޯމުން ހުށަހެޅި 24،036 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވެފައިވަނީ އޮންލައިންކޮށް ހުށަހެޅި 20،902 މީހަކާއި ފޯމުން ހުށަހެޅި 17،861 މީހުންނާއެކު ޖުމުލަ 28،763 މީހެކެވެ. ސައްހަކަން ކަށަވަރު ނުވީ، އޮންލައިންކޮށް ހުށަހެޅި 5،109 މީހުންނާއި ފޯމުން ހުށަހެޅި 6،175 މީހުންނާއެކު ޖުމުލަ 11،284 މީހުން ކަމަށް އީސީން ބުންޏެވެ.

ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ، ފިންގަރޕްރިންޓް ނެތުމާއި، ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި، ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި، މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި، ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުންކަަމަށްވެސް ހަބީބު ވިދާޅުވިއެވެ. ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް، ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށްދިންކަމަށްވެސް ހަބީބު ވިދާޅުވިއެވެ.