ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 2.2 ކިލޯގެ ޕާޓީ ޑްރަގްސް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ބަރުދަނުގައި 2.2 ކިލޯ ހުރި އެ ޕާޓީ ޑްރަގްސް ފެނުނީ މި މަހުގެ 16 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެއަށް ގެނެސްފައި ހުރި ޕާރުސަލެއްގެ ތެރެއިން ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. ކަސްޓަމްސް އިން ބުނީ އެ ޕާރުސަަލް ފާސްކުރުމުގެ ތެރޭގައި، އޭގެ ތެރޭގައި ޝައްކުކުރެވޭ ބާވަތެއް ހުރުމުން އިތުރަށް ބަލައިފާސްކުރިކަމަށެވެ.

އެ ޕާރުސަލްގެ ތެރެއިން ޑްރަގް ކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުނު ކަމަށާއި އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭއަށް ވަނީ ޕޮޒިޓިވްވެފައި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އެއީ ޕާޓީޑްރަގެކެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެ ޑްރަގް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައި ނުވެއެވެ.