ގިނަ ދިވެހީން ތިބީ ބަދަލަކަށް އެދިގެން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސި އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އުތުރުގެ ރަށްތަކަށް ކުރެއްވި ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގަތުމުގެ ކުރިން ކުޅުދުއްފުށިސިޓީ އެއާޕޯޓުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ޕީޕީއެމް/ޕީއެންސީ ފިޔަވައި އެހެން ޕާޓީތަކުގެ މީހުންވެސް އެ ޕާޓީއަށް ސަޕޯޓް ކުރާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން މިހާރު އެދެނީ ބަދަލަކަށް ކަމަށެވެ.
ގިނަ ރައްޔިތުން ތިބީ އެމަނިކުފާނުމެނާއެކުގައި ކަމަށާއި އެކި ރަށްތަކުގެ އެކި ފަރާތްތަކުން ބޭނުންވަނީ ހެޔޮ ބަދަލެއް އަންނަން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސީދާ މިވެނި އިންސައްތަ އެކޭ ނުވަތަ މިވެނި ޕަސަންޓެކޭ ވިދާޅުވަން އެނގިވަޑައިނުގެންނެވި ކަމުގައި ވިޔަސް ކާމިޔާބު ވާނޭކަން ގަބޫލުކުރައްވާކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދެވަނަ ބުރުގައި ކިހާ އަދަދެއްގެ ވޯޓު ލިބިވަޑައިގަންނަވާނެތޯ ކޮށްލި ސުވާލެއްގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ އެކި ރަށްތަކުން ތާއިދު އޮންނަވަރު ފެންނަނީ އެކި މިންވަރަށް ކަމުން ދެވަނަ ބުރުގައި ލިބޭނެ ވަކި ޕަސެންޓޭޖެއް ބުނަން ދަތި ކަމަށެވެ.
ނަމަވެސް އަތޮޅުތެ ތެރެއިން މިހާތަނަށް ދިޔަ ގިނަ ރަށްތަކުން ލިބުނު މެޖޯރިޓީއަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވޭނެކަން ޔަގީން ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.