މެލޭޝިޔާއިން މިއަދު ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވީ، މިއަދު އެކަނިވެސް ކޮވިޑް-19 އަށް 4،029 މީހުން އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ، މެލޭޝިޔާގައި ކޮވިޑްބަލި ފެތުރޭން ފެށިފަހުން އެއްދުވަހެއްގައި މިހާގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވީ، ބަލީގައި މިއަދު 8 މީހަކު މަރުވެފައިވާ ކަމަށެވެ.

ނޫރު ހިޝާމް އަބްދުﷲ ވިދާޅުވީ، އަލަށް ޕޮޒިޓިވްވި 4،029 މީހުންގެ ތެރެއިން 8 މީހުންނަކީ ބޭރުން އެތެރެވި މީހުން ކަމަށެވެ. ދެން މުޅިންވެސް ޕޮޒިޓިވްވެފައިވަނީ މެލޭޝިޔާގެ އެތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު، މެލޭޝިޔާއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 155،095 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 594 އަށް އަރާފައެވެ.

205 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ގެންދާއިރު، 79 މީހަކު އޮތީ އިންޓިއުބޭޓް ކުރެވިފައި ކަމަށްވެސް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވިއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރު ހިޝާމް އަބްދުﷲ ވިދާޅުވީ، ބަލި އެންމެ ބާރަށް ފެތުރެމުންދަނީ ސެލަންގޯރުގައި ކަމަށެވެ. ދެވަނައަށް ބަލީގެ ހާލަތު އެންމެބޮޑީ ޖޮހޯރުގައި ކަމަށެވެ.

މެލޭޝިޔާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.