ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ޙަސަން ޒިޔާއު ވިދާޅުވީ ނަޝީދު، ރައީސް ޞާލިހާއި ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގަތްފއިވާ ކަމަށެވެ.

އެ ބައްދަލުވުމާއި ބެހޭ އިތުރު ތަފްސީލު އެ ބައްދަލުވުމަށް ފަހު ދޭނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މިބައްދަލުވުމުގެ ތަފްސީލް އަދި ނުލިބުނު ނަމަވެސް، ރައީސް ނަޝީދު އިސްކޮށް ހުންނަވައިގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ހިޔާލް ހޯދުމުގެ ވޯޓު ނެގުމަށް މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ. އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.