ގަތަރުގެ ވެރިރަށް ދޯހާގައި ސައުދީ އަރަބިއްޔާގެ އެމްބަސީ ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ސައުދީ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ އެމްބަސީ ގަތަރުގައި އަލުން މި ހުޅުވަނީ، އަރަބި 4 ގައުމަކާއި ގަތަރާދެމެދު ތިންއަހަރު ވަންދެން ހިނގި ރުޅިވެރިކަމާއި، އަރާރުންތަކަށްފަހު ގަތަރާ ސުލްހަވުމަށް، މިދިޔަ ހަފްތާގައި ބޭއްވި އަރަބި ސަމިޓުން ނިންމުމަށް ފަހުގައެވެ.

ސައުދީ ވެރިރަް ރިޔާޟްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގަތަރުގައި އެމްބަސީ ހުޅުވާނީ ކޮން އިރަކުތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައުދީ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން ވިދާޅުވީ، ސައުދީ އެމްބަސީ ގަތަރުގައި "ވަރަށް އަވަހަށް" ހުޅުވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރ ވިދާޅުވީ، މިހާރު ހަމަނުޖެހި ހުރީ ލޮޖިސްޓިކް ބައެއް ކަންކަން ކަމަށެވެ.

ސައުދީ ފޮރިން މިނިސްޓަރ ފައިސަލް ބިން ފަރްހާން ގަތަރާއެކު ފުރިހަމަ ސިޔާސީގުޅުން ގާއިމްކުރުމަށް ސައުދީ އަރަބިއްޔާއިން ނިންމާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާ، ބަހްރެއިން އަދި ޔޫއޭއީގެ އިތުރުން، މިސްރުން 2017 ވަނަ އަހަރުގެ މެދުތެރޭގައި ގަތަރާ ސިޔާސީ ގުޅުން ކަނޑާލައި، އެއްގަމާއި، ވަޔާއި، ކަނޑުގެމަގުން ގަތަރު ބަންދުކޮށް، ވިޔަފާރިއާއި އެނޫންވެސް މައިދާންތަކުގައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅީ، ގަތަރުން ޓެރަރިޒަމަށް ހިތްވަރުދީ އެކަމަށް ފަންޑުކުރާ ކަމަށް ބުނެއެވެ. އަދި ގަތަރުން އީރާނާ ގާތް ގުޅުންތަކެއް ބާއްވާތީ އެކަމުގެ ރުޅީގައިވެސް މެއެވެ.

ނަމަވެސް، އަވަށްޓެރި ގައުމުތަކުގެ ތުހުމަތުތައް ގަތަރުން ތަކުރާރުކޮށް ގެންދިޔައީ ދޮގުކުރަމުންނެވެ.

ގަތަރާ އަލުން ގުޅުން ރަނގަޅުކުރުމުގެ ޝަރުތަކަށް އެ ގައުމުތަކުން އޮތީ 13 ޝަރުތެއް ހުށަހަޅާފައެވެ. އޭގެތެރޭގައި ގަތަރުން ހިންގާ އަލްޖަޒީރާ ނިއުސް ނެޓްވޯކް ބަންދުކުރުންވެސް ހިމެނެއެވެ.