ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހީމް މުހައްމަދު ސާލިހާ އެކު މިއަދު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަޝްވަރާތަކާއި މަސައްކަތްތައް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ފަހުން ކުރިއަށް ގެންދަވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައީސް ސާލިހާއި ރައީސް ނަޝީދު ބައްދަލު ކުރައްވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތައް އުފެދުނު ފަހުން އެ ދެ ބޭފުޅުން އެގޮތަށް ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސާލިހު ވިދާޅުވީ އެ މަޝްވަރާތަކުގައި ވާހަކަދެކެވުނީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ކަމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ނިޒާމީ ވޯޓުގެ ކަންކަމާއި ގުޅޭގޮތުން ކުރިޔަށް ވަޑައިގެންނެވުމަށް އެމަނިކުފާނު އެއްބަސް ވެފައިވާކަމުގައެވެ.
ރައްޔިތުންގެ މަަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނޫ އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިހާބަށްފަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން މިބައްދަލުވުމުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ވާހަކަ ދެކުވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓްސްގެ ކައުންސިލުން ނިންމާފައިވާ ގޮތަށް އެބޭފުޅުން ތިއްބަވާނީ ނިއުޓްރަލްކޮށް ކަމަށެވެ.
މިއަދު ރައްޔިތުންގެ މަަޖިލީހުގެ އިދާރާއިން ކުރި ޓުވީޓެއްގައި ބުނީ، ރައީސް ނަޝީދު ވަނީ ރައީސް ސާލިހާ ބައްދަލުކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނޫ އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުތަކާއި ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓުގެ މަސައްކަތް ރިޔާސީ އިންތިހާބަށްފަހު ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ނިޒާމު އަލުން ކަނޑައެޅުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށް، މުޅި މަޖިލީހުގެ ކޮމިޓީން އެ ގަރާރުގެ ރިޕޯޓް ފާސްކޮށް ނިޒާމީ ވޯޓެއް ނެގުމަށް އިލެކްޝަން ކޮމިޝަނަށް ފޮނުވައިފައެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ނިޒާމީ ވޯޓެއް ނަގާނީ އަންނަ މަހުގެ 29 ވަނަ ދުވަހު ކަމަށް ބުނެފައެވެ. އަދި ބަޖެޓު ލިބުނުހާ އަވަހަކަށް ނިޒާމީ ވޯޓުގެ ތައްޔާރީތައް ފަށާނެ ކަމަށް އެ ކޮމިޝަނުން ބުނެފައެވެ.