އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސަލިހް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

ރައީސް ސާލިހު ވިދާޅުވީ ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތަކާއި ދައުލަތުގެ އެކިއެކި މަގާމުތަކުގައި ތިބި މީހުންނަށްދޭ މުސާރައިގެ ކުރިއެރުން ދިނުމުގައި މަސައްކަތް ކުރައްވަނީ ހަމަހަމަކަމާ އެކީގައި ކަމަށެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔެއްކަން ފާހަގަ ކުރެއްވުމާއެކު ރައީސްސާލިހު ވިދާޅުވީ އެމީހުންގެ މުސާރަ ރިވިއު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫންނާ މިހެން ގޮސް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ ސިވިލް ސާވަންޓުންނާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފަ އެވެ. އަދި ސިފައިންނާއި ފުލުހުން ހިމެނޭ ގޮތަށް ދިހަ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މީގެކުރިން ވިދާޅުވެފައިވެ އެވެ.