އެމަނިކުފާނަކީ ގޮނޑިކޮއްކޮއެއް ކަމަށާއި ސިޔާސީ ގޮތުން މާ ބުރަދަން ހުންނަ ބޭފުޅެއްކަމަށް އެއްވެސް އިރެއްގައި ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްކޮންޕަރެންސްގައި ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ "ގޮނޑި ކޮއްކޮ އެއް" ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ ވެއިޓެއް ހުންނަކަމަކަށް އެއްވެސް އިރަކު ގަބޫލެއް ނުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްގޮތަކަށްވެސް ސިޔާސީ ވެއިޓެއް ހުންނަ މީހެއްގެ ގޮތުގައި އަޅުގަނޑު ދުވަހަކުވެސް ނުބަލަން. އަޅުގަނޑަށް ފެނުނު ރަނގަޅުކަމެއް ކުރެވޭތޯ އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުންދަނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމަނިކުފާނަށް ފެންނަ އެންމެ ރަނގަޅުކަމެއް ކުރެވޭތޯކަމަށެވެ.

ބަރުލަމާނީ ނިޒާމު ރާއްޖެ ގެނައުމަށް މާ ބޮޑު ތާއީދެއްކުރާކަމެއް ނޫންކަމަށް ނޫސްވެރިޔަކު ފާހަގަކުރުމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ތާއީދު ބިނާވެފައި އޮންނަނީ އެތަނުން ނަގާ ވޯޓަކަށްކަމަށެވެ. ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު ދެއްވިތަން އެ މަޖިލީހުން ފެނިފައިވާކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންނާއި ގާތުން، ރައްޔިތުން ރުހޭ ގޮތަށް ވެރިކަން ކުރެވޭނެ ނިޒާމެއް، ދެފުށްފެންނަ، ސަރުކާރު ޖަވާބުދާރީ ކުރެވޭފަދަ ބާރެއް ރައްޔިތުންނަށް ދެވެން އޮންނަ ފަދަ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި އަބަދުވެސް އޮތީ ބަަރުލަމާނީ ނިޒާމުކަމަށާއި ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.