ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އުފެއްދެވި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) އަށް އަލުން ޑޮލަރު ޖަމާކުރަން ފަށައި، އެފަންޑަށް ގާނުނީ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް-ޕީއެންސީން ރޭ ބޭއްވި "އިކޮނޮމިކް ފޯރަމް" ގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ބަޖެޓުގެ ދަރަނީ ޑެފިސިޓް ހުރި މިންވަރު 15 އިންސައްތައިން ސިންގަލް ޑިޖިޓަކަށް ކުޑަކުރައްވާނެކަމަށެވެ. އަދި ރާއްޖޭގައި ޑޮލަރުގެ އަގު 18 ރުފިޔާއަށްވުރެ ކުޑަކޮށް އެއްހަމައެއްގައި ހިފަހައްޓާ ދިވެހި ފައިސާގެ އަގު ދަށްވިޔަ ނުދެއްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އެމްއެމްއޭގެ ރިޒާވް އިތުރުކޮށް މައްޗަށް ޖެއްސުމަށްވެސް މަސައްކަތްކުރައްވާނެކަމަށް މުޢިއްޒުވަނީ ވިދާޅުވެފައެވެ.
ގާނޫނީ ބާރުވެރިކަމާއެކު ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަލުން ޑޮލަރު ޖަމާވާގޮތް ހައްދަވާ މަހުންމަހަށް ޢާމްދަނީ ވަންނަ ފަންޑަކަށް އެފަންޑު ހެދުމަށްވެސް ކަނޑައަޅާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ހުރި މިންވަރު 2016 ގައި ހުރި ހިސާބަށް ޖެއްސުމަށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނައުމަށް މަސައްކަތްކުރުމަށް ނިންމާފައިވާކަން ޑރ.މުއިއްޒު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އެސްއީޒެޑްގެ ގާނޫނުގެ ދަށުން ވަކި ސަރަޙައްދުތަކެއް ކަނޑައަޅާ ރައްޔިތުންނަށް މާލީ މަންފާ ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރިސޯޓް ތަރައްޤީކުރުން ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ޚާއްސަ ބޭންކެއް ތަރައްޤީކުރުމާއި، އިންޓަރނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތެރެއަށް ވަދެވޭނެ މަގުފަހިކޮށް ޒުވާނުންނަށް އަމިއްލަ ހުނަރު ވިއްކައިގެން ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުން އާމްދަނީ ހޯދަން ޓީ ބިލާއި ސުކޫކު އަދި ބޮންޑު ރާއްޖެއިން ބޭރަށް ވިއްކާފައިވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ފާއިތުވި 40 އަހަރުގެ ތެރޭގައި ރާއްޖޭގައި ޗާޕުކުރި ފައިސާގެ އަދަދު ހަ ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރުން ފެށިގެން މިއަދުގެ ނިޔަލަށް މި ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތަކެތީގެ އަގުބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުނުއިރު ރިޒާވުގައި 612 މިލިއަން ޑޮލަރު ހުރި ކަމަށާއި ޔޫޒަބަލް ރިޒާވް 184 މިލިއަން ޑޮލަރުގައި ހުރި ނަމަވެސް، މިހާރު އެ އަދަދު 150 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން އޭނަގެ ވެރިކަމެއްގައި ޔޫޒަބަލް ރިޒާވު 500 މިލިޔަން ޑޮލަރަށް ޖައްސާނެ ކަމަށްވެސ މުއިއްޒު ވަނީ ވިދާޅުވެފައެވެ.