ޓްރެފިކް ގަވައިދާ ހިލާފު ވެގެން ކޮށްފައިވާ ޖޫރިމަނާތައް ލުއިކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް އެ ޖޫރިމަނާތައް ލުއިކޮށް ދިނުމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސް ސާލިހު ވަނީ 2018 އިންގެ ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދެއްވަން ނިންމަވައިފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް އަމަލު ކުރުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ޓްރެފިކާ ގުޅޭ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ލުޔެއް ދެއްވުމުގެ ގޮތުން، 17 ނޮވެންބަރު 2018 އިން ފެށިގެން މި މަހުގެ ފަހެއްގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފު ކުރެއްވުމަށް ރައީސް ނިންމަވާފައިވާތީ މިއަދުން ފެށިގެން އަންނަ މަހުގެ 25ގެ ނިޔަލަށް އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް (https://sims.transport.gov.mv) މެދުވެރިކޮށް އެކަމަށް ހުށަހެޅޭނެ ކަމަށެވެ.

ޖޫރިމަނާ މައާފު ކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅައި 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ.

ރައީސްގެ ނިންމެވުމާ ގުޅިގެން މައާފު ކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާއެވެ.