"ހެއި ކޭސަރާ ސަރާ،" "މެރަ ޕިޔަ ގަރްއާޔާ،" "ދަކްދަކް ދަޅްނޭ ލަގަހ" މިއީ ހިތްތަކުން ފިލައިނުދާ، އަދިވެސް އެރީތިކަމަށް ބަދަލެއް ނާންނަ ނަލަނަލަ މާދުރީ ޑިކްޝިތުގެ ބަނޑިލެއްވުންތައް ފެނިގެންދާ 'އަބަދަށްފެހި' ލަވަތަކެވެ. މާދުރީގެ އެންމެ ފަހުން ނެޓްފްލިކްސް އިން ފެނިގެން ދިޔަ "ފޭމްގޭމް" އިންވެސް އޭނާގެ ހުނަރުވެރިކަމަށް އެއްވެސް ބަަދަލެއް ނާންނަކަން ހާމަވެއެވެ. މިކާމިޔާބު އަދި މޮޅު ނެށުންތެރިޔާ، ހުނަރުވެރި ބަތަލާ އަކީ ބޮލީވުޑްގައި 80އިގެ އަހަރުތަކުގައި ފިޔަޖަހަން ފެށި ގޮތަށް އަދިވެސް ފަނޑުވުމެއް ނެތި ކުރިއަށްދާ އެކްޓަރެކެވެ.

މި ހިތްގައިމު ޗާލޫ ބަތަލާ އަކީ އެއްދުވަސްވަރެއްގައި، ކެމެރާގެ ކުރިމައްޗަށް އަރަން ބޭނުންނުވި، އެފަދަ އެއްވެސް ފިކުރެއް ނެތް އަންހެންކުއްޖެކޭ ބުނުމުން ގަބޫލުކުރަން ދަތިވާނެކަން ޔަގީނެވެ. އެކަމަކު މިއީ ހަގީގަތެކެވެ. މާދުރީއަކީ މައިކްރޯބައޮލޮޖީ އާއި ޕެތޮލޮޖީން އޭނާގެ މުސްތަގްބަލް އުޖާލާކުރުމަށް މަސައްކަތް ކުރި "އެމްބިޝަސް" އަންހެންކުއްޖެކެވެ. އަދި މި އުއްމީދުގައި މާދުރީ ވަނީ މައިކްރޯބައޮލޮޖީން ޑިގްރީ ފާހެއްވެސް ހާސިލުކޮށްފައެވެ.

ހައިރާންވާންޖެހޭ އަނެއް ހަގީގަތަކީ ހޯދި އަދި ލިބުނު އިލްމާ އުޑާއިބިމާހާ ތަފާތު ދާއިރާއަކުން އެންމެ 17 އަހަރުގައި މާދުރީ 1984 ގައި ފިލްމީދާއިރާއަށް ނުކުމެ ތަރިތަކުގެ ދަރުބާރުގައި ހަނދު ކަމަށް ވެގެން ދިޔަކަމެވެ. އޭރު ބޮލީވުޑްގައި ފިޔަ ޖަހަމުން ދިޔަ ތަރިތައް ފަނޑުކޮށްލުމަށްފަހު މާދުރީ އަލިގަދަ ފުރިހަމަ ހަނދެއްހެން ބޮލީވުޑްގައި ރަނިކަން ކުރަން ފެށިއެވެ. ފުރަތަމަ ހަރަކާތްތެރިވި ފިލްމުން ހުނަރު ފާހަގަ ނުކުރެވުނަސް، "ތޭޒާބް"އަށްފަހު މާދުރީ ބޮލީވުޑްގެ ސޯޅަވިލޭރޭގެ ހަނދުފަދަ ރާނީއަށް ވެގެން ދިޔައެވެ.

ތޭޒާބަށްފަހު 'ހަމްއާޕްކޭހޭ ކޯން'، 'ރާމްލަކަން'، 'ތްރީދޭވް' ފަދަ ކާމިޔާބު ފިލްމުތަކުގެ ސިލްސިލާއެއް މާދުރީގެ ހުނަރުން ފެނިގެން ދިޔައެވެ. ބޮލީވުޑްގެ ފިލްމުތަކާއެކު، ނެޓްފްލިކްސްގެ 'ދަ ފޭމް ގޭމް' ގައިވެސް ބޮޑު ކާމިޔާބެއް ހޯދައި، ދެވަނަ ސީޒަންއަކަށް މާދުރީގެ ވެބްސީރީޒް ވެސް ވަނީ ދަތުރުކޮށްފައެވެ.

މާދުރީ ބުނީ އޭނާގެ މަންމަ އަބަދުވެސް ނަސޭހަތް ދީފައިވަނީ ކުރާ ކަމެއް ގަޔާވެގެން ކުރުމަށް ކަމަށެވެ. އަދި އެކުރާކަމެއްގައި ތިމާގެ މިންނެތް ބުރަ މަސައްކަތް ފެންނަންވާނެކަމަށްވެސް މަންމަ ބުނާ ކަމަށް މާދުރީ ވަނީ ބުނެފައެވެ މާދުރީ ބުނީ އޭނާގެ މަންމަގެ އިތުބާރާއި ޔަގީންކަމަކީ އޭނާގެ ކާމިޔާބުގެ ވަރަށް ބޮޑު ހަގީގަތެއްކަމުގައެވެ.

ނުހަނު ޅައުމުރުގައި ފިލްމު ކުޅުމުގެ ތެރެއަށް ނުކުމެ، އެ ދާއިރާގައި ވިދަން ފެށި ގޮތަށް، މިއަދުވެސް މާދުރީ އަކީ ބޮލީވުޑްގައި އެންމެ ފުންނާބު އުސް ފަންނާނުންގެ ތެރޭގައި ގުނައިލެވޭ އެކްޓްރެސްއެކެވެ.

އުމުރުން ވެފައިވާ ދުވަހަށްވުރެ މޫނުމަތިން ފެންނަ ތާޒާކަމާއި ރީތިކަމުގެ އިތުރަށް މާދުރީގެ ހަށިގަނޑަށްވެސް މާބޮޑު ބަދަލުތަކެއް އައިސްފައި ނުވެއެވެ.

މާދުރީގެ ހަޔާތުގެވެސް ތަޅުލެވިފައިވާ "ބާބެއް" ވެއެވެ. އެއީ އޭނާގެ ހަގީގީ ހުވަފެންތަކެވެ. އަދި އެހުވަފެންތައް ދުވަހަކުވެސް ކުލަ ނުވެ، ކަޅާއިހުދުގެ ފިލްމުފެއާގެ 6 އެވޯޑާއި 4 ސްކްރީން އެވޯޑް އޮތަސް، މައިކްރޯބައޮލޮޖީ އާއި ޕެތޮލޮޖީން ކުރިއަށް ދާން ނެގި މައިކްރޯބައޮލޮޖީން ޑިގްރީ ބޭނުންކޮށްގެން އެވޯޑެއް އޭނާއަކަށް ނުލިބެއެވެ. މައިކްރޯބައޮލޮޖިސްޓަކަށް ވާން ކުރި އުންމީދު ފުރިހަމަނުވެ ހުވަފެނެއްގެ ގޮތުގައި ފަސްއެޅިފައި އޮތްކަމީ ކުރިން ގިނަމީހުންނަށް ނޭނގި އޮތަސް، މިހާރު މާދުރީ އިއުލާން ކުރުމުން ބަޔަކަށް ގަބޫލުނުކުރެވުނަސް އެއީ ހަމަ ހަގީގަތެކެވެ.

މާދުރީގެ ހަޔާތުގެ ބައިވެރިޔަކަށް ކާޑިއޯވަސްކިއުލަރ ސާޖަން ޑރ ޝްރީރާމް ނެނޭ ވުމަކީ ހައިރާންވާވަރުގެ ކަމެއް ނޫން ކަން ޔަގީނެވެ. ސީދާނުވި ހުވަފެންތަކުގެ ކުލަތައް ހަޔާތުގެ ބައިވެރިޔާގެ ފަރާތުން އަމިއްލަ ހަޔާތަށް ލިބުމަށް މާދުރީ ބޭނުންވީ ކަމަށްވެސް ހަމަ ވެދާނެ ނޫންހެއްޔެވެ!