އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައްޔިތުން ވެރިކަމުގެ އަމާނާތް ހަވާލު ކުރައްވައިފިނަމަ ވަރަށް ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ފޮރުވަން ޖެހޭ އެއްވެސް އެއްޗެއްނެތި ރައްޔިތުން އެދޭ ގޮތަށް އެކަން ކޮށްދެއްވާނީ ކަމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރޭ ހައްދުން މަތީ ގަމުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ޝަރަފެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށާއި ރައީސް ކަމުގެ މަގާމަކީ އެއީ ބޮޑު އަމާނާތެއް ކަމަށް ދެކި ހިދުމަތް ކުރާނީ ވަރަށް ތެދުވެރި ކަމާއިއެކުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައްޔިތުންނަށް ފޮރުވައިގެން ކުރާނެ ކަމެއް ނޯންނާނެކަމަށެވެ.
އެއްވެސް ސިއްރު އެއްބަސްވުމެއް އެއްވެސް ސިއްރު ލިޔުމެއް ރައްޔިތުން ބަލަން ބޭނުންވެގެން ކަންބޮޑުވެގެން އުޅޭ ހާލަތަށް ދާން ނުޖެހޭނެކަމަށާއި ހާމަ ކުރެވެން އޮތް ހުރިހާ އެއްޗެއް ހާމަކަން ބޮޑުކޮށް ރައްޔިތުންނަށް ހާމަ ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމަ މިއާއިއެކު ކޮރަޕްޝަނަކީ ގައުމުގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ ކަމަށާއި، އެކަން ނައްތާލުމަކީ އަމާޒު ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ކެބިނެޓްގައިވެސް އަދި އެހެން ދިމާލެއްގައިވެސް މަސައްކަތް ކުރާ އެއްވެސް މީހަކު ކޮރަޕްޝަން ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމީހަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ. ރައްޔިތުންގެ ފައިސާއަށް މިސަރުކާރުން ވާހެން ހިޔާނާތް ވާން ޖާގަ ނުދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކެބިނެޓަށް ނަގާނީ ހިދުމަތް ކުރެވޭ، އެދޭ ސްޕީޑުގައި މަސައްކަތް ކުރެވޭ، ތައުލީމީ ގާބިލް ބޭފުޅުން ކަމަށެވެ. އެމަނިކުފާނު ބޭނުންވެލައްވަނީ ތެދުވެރި އިހުލާސްތެރި މަސައްކަތްތަކެއް ކުރައްވަން ކަމަށާއު ނަތީޖާ ފުރަތަމަ ދުވަހުން ފެށިގެންވެސް ނެރެދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް މުއިއްޒު ދެއްވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުގައި ރައްޔިތުންގެ ހިދުމަތަށް ނިކުންނަ ކޮންމެ މީހަކީ ޖަވާބުދާރީވާންޖެހޭނެ މީހެއް ކަމަށެވެ. އެއްވެސް މީހަކަށް ޖަވާބުދާރީނުވެ ނުހުރެވޭނެ ކަމަށާއި، ހާމަކަން ބޮޑު ވެރިކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ. މުއިއްްޒު ވަނީ މިރޭ ގަމުގެ އިތުރު ފަރާތުގައި އިތުރު ބަނދަރެއް ހަދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެމަނިކުފާނަށް ތާއީދުކޮށް ޕީޕީއެމްއަށް ސޮއިކުރި ގިނަ އަދަދެއްގެ ރައްޔިތުންނަށް މުއިއްޒު ވަރަށް ހާއްސަ ޝުކުރެއްވެސް ދެންނެވިއެވެ.