ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓު ފޮށްޓަށްލުމަކީ މަނާ ކަމަކަށް ވާއިރު، ވޯޓު ކަރުދާސް ނޫން އެހެން އެއްޗެއް ވޯޓު ފޮށްޓަށް ލައިފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން ޖަލަށް ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ވޯޓު ކަރުދާސް ނޫން އެހެން އެއްޗެއް ވޯޓު ފޮށްޓަށް ލައިފިނަމަ އެކަމުގެ އަދަބެއްގެ ގޮތުން 2 މަހާއި، 6 މަސް ދުވަހާއި ދެމެދު ޖަލަށްލުން ނުވަތަ، 2 ހާސް ރުފިޔާއާއި 6 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އަދި ހަމަ އެހެންމެ ވޯޓު ދިނުމަށް ހުރަސް އަޅާނަމަ 4 މަހާއި 1 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަދަބެއްގެ ގޮތުގައި 4 ހާސް ރުފިޔާއާއި 12 ހާސް ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ހަބީބް ވިދާޅުވެފައިވެއެވެ.