ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރަން ބައިވަރު ކަންކަމަށް ބަރޯސާ ވާންޖެހޭ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީއަށް ފަސޭހަވާނެތޯ ދެންނެވުމުން ޝިފާޒު ވިދާޅުވީ "ބައިވަރު ކަންކަމަށް ޑިޕެންޑް (ބަރޯސާ) ވަނީ އެކަން،" ކަމަށެވެ. އެހެންނަމަވެސް އެކަންކަމުގެ އެއްވެސް ތަފްސީލެއް ޝިފާޒު ނުދެއްވައެވެ. އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީއަށް ފަސޭހަ ނުވާނެ ކަމަށް ކުރިން ވިދާޅުވެފައެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ސަޕޯޓަރުން ގިނަ ޕާޓީއެވެ. ރަށްރަށުގައި އެޕާޓީގެ ރޫޙުވަނީ އާލާވެ ވަރުގަދަވެފައެވެ. އެހެންނަމަވެސް މިވެރިކަމުން ފާއިތުވެގެން މިދިޔަ މުއްދަތުގައި ކަންހިނގާފައިވާ ގޮތާއި ހިނގަމުންދާ ގޮތަށް ބަލާއިރު މީހުންގެ ޚިޔާލު ކޮންމެވެސް ވަރަކަށް ވަނީ ބަދަލުވެފައެވެ. "އަޅުގަނޑުމެން އަދިވެސް މިތިބީ އެމްޑީޕީގައި. އެހެންނަމަވެސް ބައެއް މެމްބަރުންނާއި ބައެއް މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު މާޔޫސްވާންޖެހޭ ކަންކަން އެބަދިމާވޭ. މިކަހަލަ ވާހަކަތައް ދެއްކީމައި ހުރިހާ ކަމެއް މިހާރު ކަނޑާލާނީ ކޮވިޑަށް. ކޮވިޑް އައުމަކީ މުޅި ދުނިޔެ ހުއްޓުވި ކަމެއް. އެހެންނަމަވެސް ލިބޭ ފުރުސަތުތަކުގައި އެބަޖެހޭ ތަރައްގީ ވެސް ހިންގާލަން. ސަރުކާރު ވެސް އެބައޮތްކަން އަންގާލަން،" ގދ. ތިނަދޫ މީހަކު ބުންޏެވެ.

ސަރުކާރަށް އެއްވެސް ކަމެއް އަލަށް ކުރެވިފައި ނުވާކަމަށް ބުނެ އިދިކޮޅުފަރާތްތަކުން ގެންދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. ސަރުކާރުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ އިތުބާރު ހޯދައި އިތުބާރު ދެމެހެއްޓުން ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ސަރުކާރަށް އަބަދުވެސް ފާޑު ވިދާޅުވަމުން ގެންދަވާ ޢުމަރު ނަސީރު ވިދާޅުވީ ކޮވިޑަކީ އުޒުރެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ވަޢުދުތައް ފުއްދެއްވުމަށްޓަކައި އިތުރު ގޮތްތަކެއް މިސަރުކާރުން ހޯދަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދެވަނަ ދައުރެއް ބޭނުންވާ ކަމަށްވާނަމަ ރައްޔިތުން އުފާކޮށްދީ އިތުބާރު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.