އަނިޔާވެރިކަމާއި ދެކޮޅުވެރިކަން ދޫކޮށް ސުލްހަޔާއި ހަމަޖެހުމަށް އިސްކަންދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިހެން ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ރައީސް ރޭ ފޮނުއްވި ހިތާބުގައެވެ.

މުޖުތަމައު އެދި ގޮވަނީ ރިވެތި އަހުލާގީ ސިފަތައް ދިރުވައި އާލާކުރަން ކަމަށް ރޭގެ ހިތާބުގައި ރައީސް ވަނީ ވިދާޅުވެފައެވެ. ކީރިތި ރަސޫލާ (مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ)ގެ އީދު މީލާދުގެ މުނާސަބާ ފާހަގަކުރާއިރު، އަޒުމު ކަނޑައަޅަންވީ އިތުރު އެކަލޭގެފާނުގެ މާތް ސީރަތުން ލިބިދޭ ފިލާވަޅުތަކުން، އުޅުންތަކާއި ގުޅުންތައް އިސްލާހު ކުރުމަށްކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ކީރިތި މާތް ނަބިއްޔާގެ މުޅި ސީރަތުން ވެސް ފެންނަ އެންމެ އުސް ކުރިބޯށްޓަކީ ސުލްހަ އަމާންކަން ކަމުގައި ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ ކީރިތި ރަސޫލާ އެންމެ އިސް މަސްއޫލިއްޔަތަކަށް ހެއްދެވީ މީސްތަކުން ސުލްހަވެރި ކުރެއްވުމާއި މުޖްތަމައު އަމާން ކުރެއްވުން ކަމަށެވެ. އިސްލާމީ ދައުވަތު ފެތުރުއްވުމުގައި ދެމެހެއްޓެވި އަސާސަކީ ވެސް، މީސްތަކުންނަށް އަފޫކުރެއްވުމާއި އޯގާތެރިވުމާއި އެހީތެރިވުމުގެ މަތިވެރި ސިފަތައްކަމުގައި ރައީސް ސާލިހުގެ ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

"ރަސޫލާގެ ސީރަތުން އިބްރަތް ލިބިގަނެ އިސްކަން ދޭންވީ ދެކޮޅުވެރިކަން ދޫކޮށް އަނެކުންނަށް މައާފުކުރުމާއެކު ސުލްހަވެރިކަން ފެތުރުމަށެވެ. އަދި ނަފުރަތާއި ހަސަދައިން އެއްކިބާވެ އަނެކުންނަށް އިހުތިރާމްކޮށް، މުޖުތަމައަށް ހިނިތުންވުން ގެނެސްދިނުމަށާއި ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާ ހާލު އަނެކުންނަށް އެހީތެރިކަން ފޯރުވައި، އިންސާނީ އަހުވަންތަކަން ގާއިމުކުރުމަށްވެސް އިސްކަންދޭންޖެހެއެވެ. ހަމައެހެންމެ ވިސްނަންވީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ހުރިހާ ހާލަތެއްގައި ވެސް ނޫނެކޭ ބުނެ، ކޮންމެ ހާލަތެއްގައި ވެސް ސުލްހަޔާއި ހަމަޖެހުމާއި އަމާންކަމަށް އިސްކަން ދިނުމަށެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަސޫލާ ދުނިޔެއަށް ސާބިތުކޮށްދެއްވި އެންމެ ބޮޑު ހަގީގަތަކީ، މުޖުތަމައު އިސްލާހުކުރުމުގެ ބިންގަލަކީ، ކޮންމެ ކަމެއް ވެސް ތިމާގެ އަމިއްލަ ނަފުސުން ފެށުން ކަމަށެވެ. މީސްތަކުން ކުރުމަށް އެކަލޭގެފާނު އަމުރު ކުރެއްވި ކޮންމެ ކަމެއްގައި، އެންމެ ފުރަތަމަ ނަމޫނާ ދެއްކެވީ އެކަލޭގެފާނު ކަމަށާއި މީސްތަކުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން، އެންމެ ފުރަތަމަ ދުރުހެލިވެވަޑައިގަތީ ވެސް ހަމަ އެކަލޭގެފާނު ކަމަށް ރައީސް ވިދާޅުވިއެވެ.

"މައިންބަފައިންނަށް ކަމޭހިތުމާއެކު އެއްބަނޑުއެއްބަފާކަމުގެ ގުޅުން ދަމަހައްޓައި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަކީ، އޯގާތެރިކަމުގެ މާތް ނަބިއްޔާގެ ރިސާލަތުގެ އެންމެ ވަސްމީރު ހުވަނދެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ، ނަބަވީ ރިސާލަތުގެ އެންމެ އަގުބޮޑު ޖައުހަރެވެ. އެކަލޭގެފާނު އަމަލީ ގޮތުން ދެއްކެވި އަދަބު އަހުލާގުގެ މަތިވެރި ސިފަތަކަކީ، އިސްލާމީ ރިސާލަތުގެ އެންމެ ފަރި ފޭރާމެވެ،" ރައީސް ވިދާޅުވިއެވެ.

މާތް ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާ މި މުނާސަބަތުގައި ގަދައަޅައި މަސައްކަތް ކުރަންވީ، އެކަލޭގެފާނުގެ ސީރަތުން އިންސާނިއްޔަތަށް އަލިކޮށްދިން އެފަދަ ދޯދިތަކުން ހާޔާތަށް އަލިކަން ހޯދުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.