މޯލްޑިވްސް ޑިވެލޮޕްމަންޓް އެލިއަންސް (އެމްޑީއޭ) އިން ރައީސް ސާލިހަށް ކުރި ތާއީދު އަނބުރާ ގެނެސް، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.

މިގޮތަށް އެ ޕާޓީން ނިންމާފައިވަނީ އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ.

މިބައްދަލުވުމުގައި ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރުމަށް ނިންމާފައެވެ. މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމީ 33 ކައުންސިލް މެމްބަރުންގެ ސާފު އައުލަބިއްޔަތުންނެވެ.

ރައީސް ސާލިހުގެ ކޯލިޝަނުން ވަކިވުމަށް ހުށަހެޅި މުހައްމަދު އައްބާސްއެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރީ އެމްޑީއޭގެ ނައިބް ލީޑަރު އަލީ މައުރޫފްއެވެ. މިހުށަހެޅުމަށް ވޯޓަށް އެހުމުން މެމްބަރުންގެ އައުލަބިއްޔަތުން ވަނީ ޕީޕީއެމް/ޕީއެންސީއާއިއެކު ކުރިއަށް ދިއުމަށް ނިންމާފައެވެ.

އެމްޑީއޭގެ މިނިންމުމާއިއެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހާއިއެކު ކޯލިޝަންގައި މަސައްކަތް ކުރާނީ އަދާލަތު ޕާޓީން އެކަންޏެވެ. ދެވަނަ ބުރުގެ ކެމްޕޭންގައި އެމްޑީއޭގެ ލީޑަރު އެއްވެސް ވަރަކަށް ނުފެންނަ އިރު، އެމްޑީއޭއިން މާބޮޑަކަށް ދެވަނަ ބުރުގެ ކެމްޕޭންގައި ޝާމިލުވާތަންވެސް ފެނިފައި ނުވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި ޕީޕީއެމް/ޕީއެންސީއާއިއެކު ކޯލިޝަން ހަދާފައިވަނީ އެމްއެންޕީންނެވެ. ނަމަވެސް އެހެން ގިނަ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު މެމްބަރުން ދަނީ މުއިއްޒަށް ތާއީދުކުރާކަން ހާމަ ކުރައްވަމުންނެވެ. އެގޮތުން އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތު ނުހަނު ކުޑަތަން ވެފައި އޮތްއިރު އަދިވެސް ޑިމޮކްރެޓްސްގެ ބޭފުޅުންނާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމްގެ ގިނަ ބޭފުޅުންވެސް ދަނީ މުއިއްޒަށް ތާއީދު ކުރައްވަމުންނެވެ.