އެމަނިކުފާނާ ގުޅުވައިގެން ސޯޝަލްމީޑިޔާގައާއި ހާއްސަކޮށް މީޑިޔާގައި ދައްކަމުން ގެންދާ ޒާތީ ވާހަކަތަކަށް ރޭ ރައްދު ދެއްވަމުން، ޖަވާބު ނުދެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި މައްސަލައެއް އޮތިއްޔާ ތަހުގީގުކުރެއްވުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރޭ ފުވައްމުލަކު ސިޓީއަށް ވަޑައިގެން އެސިޓީގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޒާތީ ގޮތުން އެމަނިކުފާނާ ދިމާކުރަނީ އެފަރާތްތަކުން ރައްޔިތުންނަށް ހުށައަޅާ ކަންކަން ބަލައިނުގަތީމާ ކަމަށެވެ. އަދި އެކަމާ އެމަނިކުފާނުގެ އެއްވެސް ފަރުވާލެއް ނެތްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތަށް އެމަނިކުފާނަށް ޖަވާބު ނުދެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި ފަޟީހަތް ވާނީ އެފަދަ ވާހަކަތައް ދައްކާ ފަރާތްތައް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވަނީ އެމަނިކުފާނަކީ ދުވަހެއްގައިވެސް މީހެއްގެ ހައްގަކަށް އަރާވަޑައިނުގަންނަވާކަމަށާއި އެއްވެސް މީހަކަށް އަނިޔާދެއްވާފައި ނޯންނާނެކަމަކަށެވެ.

ހަމައެހެންމެ ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް މި ގައުމުގއި ބޭރު ސިފައިން ނެތްކަމުގައި ނުވާނެކަމަށާއި ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އިގްތިސާދު ވަކި ގައުމަކަށް ބަރޯސާވެ އަޅުވެތި ނުވާކަމަކަށް ނުވާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަކީ ދުވަހަކުވެސް ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރި މީހެއް ނޫނޭ. ނުވެސް ކުރާނެމޭ. އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކުވެސް އަރައިގަތް މީހެއް ނޫނޭ، އަރައެއްނުވެސް ގަންނާނެމޭ. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި އަންނަނީ، އަޅުގަނޑު ގަބޫލުކުރާ ހަމައަކީ އަދި ކަންކުރާ ހަމައަކީވެސް ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގަ އަޅުގަނޑަށް ނިދާލެވެން ޖެހޭނޭ. ހިތަަށް ހިތްހަމަޖެހުން ލިބި، އެއްވެސް މީހެއްގެ ހައްގަކަށް އަޅުގަނޑު އަރައިނުގަންނަކަމުގެ ޔަގީންކަމާއެކީގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ ކަމަށާއި އެކަމަކު އެކަންކުރައްވަންވާނީ ސިޔާސީ ނުފޫޒުން އެއްކިބާވެ، އިންސާފުވެރިކަމާއި މިނިވަންކަމާއި އެކު ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ. އެގޮތަށް ބަލައިފިނަމަ އެކަންކަމުގެ ހަގީގަތް މާރީތިކޮށް ސާފުވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ޒާތީ ގޮތުން ދިމާކުރުމަކީ ކެމްޕެއިން ކުރުމެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު މި ގައުމުގައި ހަމަޖެހުން ގާއިމުކޮށްދެއްވާނެ ކަމަށާއި ހުރިހާ މާނައެއްގައި އިންސާފުވެރިކަން ޔަގީންކޮށްދެއްވައި، އަދުލުވެރިކަމާއި އެކުގައި މެނުވީ އެއްވެސް ރައްޔިތަކާއި ދޭތެރޭގައި ކަންކަމެއް ނުކުރައްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބަދަލު ހިފުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމުގައެވެ. އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހަކީ އަލުން އައު ދުވަހަކަށް، މިނިވަންޖައްވަކަށް މިގައުމު އަލިވިލޭނެ އަދި ދިވެހީންގެ ރާއްޖެ ދިވެހީންނަށް އަނބުރާ ލިބޭނެ ދުވަސް ކަމަށވެ.