ސްޕެނިޝް ލަލީގާގައި ޗެމްޕިއަން ބާސެލޯނާ މޮޅުވިޔަ ނުދީ މަޔޯކާއިން 2-2 އިން ރޭ އެއްވަރު ކޮށްފިއެވެ.
މަޔޯކާގެ ދަނޑުގައި ކުޅުނު މިމެޗުގައި ބާސެލޯނާ ސިއްސުވާލުމަށްފަހު މެޗުގެ 8 ވަނަ މިނެޓުގައި ލީޑް ނެގީ މަޔޯކާއިންނެވެ. މިލަނޑު ޖަހައިދިނީ ކޮސޯވޯ ގައުމީ ޓީމުގެ ފޯވާޑް ވިދާތު މުރީކީއެވެ. މިއީ ބާސާގެ ކީޕަރު ޓަރ ސްޓެޖެންއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މަޔޯކާއިން ކާމިޔާބު ކުރި ލަނޑެކެވެ.
ބޯކޮށް ވާރޭވެހި، ދަނޑު ވަރަށް ބޮޑަށް ތެމިފައި އޮތުމުގެ ސަބަބުން ދެޓީމަށްވެސް ކުޅެގެންނަން އުނދަގޫވި މިމެޗުގައި ބާސެލޯނާއިން އެއްވަރު ކުރީ 40 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގަރ ރަފީނާގެ ލަނޑުންނެވެ. އޭރިޔާގެ ބޭރުން ސެންސާކަލާ ދާދިކައިރިން އަރިމަތިން ރަފީނާ ތިރިތިރިން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ކަނަށެވެ. އޭގެފަހުން ޖެހިގައިން ފަސް މިނެޓު ތެރޭގައި ބާސާއިން ނުރައްކާތެރި ދެހަމަލާ އުފެއްދިއެވެ. މީގެ ތެރެއިން އެއްހަމަލާ ގޯލު ދަނޑިމަތިން ބޭރަށް ދިޔައިރު އަނެއްހަމަލާ މަޔޯކާ ކީޕަރު ދިފާއު ކުރީއެވެ.
ބާސާއާ ލިބުނު ރަނުގެ ދެފުރުސަތުގެ ބޭނުން ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަބްދޮން ޕްރަޓްސް ލަނޑެއް ޖަހައި ދެވަނަ ފަހަރަށް މަޔޯކާއަށް ލީޑް ހޯދައި ދިނުމެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ބާސާއިން އެއްވަރު ކުރީ 75 ވަނަ މިނެޓުގައި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒްގެ ލަނޑުންނެވެ. އޭގެ ކުރިން ބާސާގެ ޕޯޗުގަލް ވިންގަރ ޖޮއާ ފެލިކްސް ފޮނުވާލި ބާރު ހަމަލާއެއް އަމާޒުވީ މަޔޯކާގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ އުސްއަލިތައް:
https://www.youtube.com/watch?v=4cacrCRQkPM
މިވަގުތު 17 ޕޮއިންޓާއެކު ބާސާ ތާވަލުގެ އެއްވަނައިގައި އޮތްނަމަވެސް، މިމެޗް އެއްވަރުވުމުގެ ސަބަބުން ތާވަލުގެ 3 ވަނައަށް ބާސާ ވެއްޓުމުގެ ފުރުސަތު މިހާރު އެބައޮތެވެ. އެއީ ތާވަލުގެ ދެވަނައިގައި 16 ޕޮއިންޓާއެކު އޮތް ޖިރޯނާ އާއި ތާވަލުގެ 3 ވަނައިގައި 15 ޕޮއިންޓާއެކު އޮތް ރެއާލް މެޑްރިޑް މިހަފްތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ ބާސާ ތިންވަނައަށް ވެއްޓޭނެތީއެވެ.