ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް އެމަސައްކަތް ހަަވާލުކޮށްފައިވާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކުންފުނި (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އިއްޔެ އެ ރަށުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުالله ވަހީދާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ވިދާޅުވީ ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި މުސްތަގުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ، ތަރައްގީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި 623,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކުމާއި 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖުލައި މަހުގައެވެ. މިއީ 360 ދުވަހުން ނިންމާގޮތަށް 83.07 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.