އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އައްޑޫ ސިޓީއަށް ރޭ ވަޑައިގެންފިއެވެ.
ރައީސް ސާލިހު އައްޑޫ ސިޓީއަށް ފުރާވަޑައިގެންނެވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މި ދަތުރުފުޅުގައި ރައީސް މިއަދު އެމްޑީޕީގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި އައްޑޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީއަށްވެސް ވަޑައިގަންނަވާނެއެވެ.
މިއީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް ރައީސް މާލެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އައްޑޫސިޓީއަށް ވަޑައިގެން މިހާރު ރައީސް ސާލިހު ވަނީ އެސިޓީގައި ތިބި ޓީމްގެ މެންބަރުންނާ ބައްދަލުކުރައްވަން ފަށްޓަވައިފައެވެ.
އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ރައީސް ވަނީ މާލޭގައި ކަންމަތީ ބައްދަލުވުންތައް ކުރިއަށްގެންދަވައި ހަރުގެ ޖަލްސާތައް އިތުރުކުރައްވައި ދޮރުން ދޮރަށް ހިންގަވައިފައެވެ.