އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުފަހަރު ދުއްވުން ޓަރާންސްޕޯޓު މިނިސްޓްރީން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ ވޯޓުލާ ވަގުތުގައި މާލޭގެ މަގުތަކުގައި ދުއްވުން މަނާ ބޮޑެތި އުޅަނދުފަހަރުތަކަކީ "ސީ2" އަދި "ސީ0" ކެޓަގަރީތަކުގެ އުޅަނދު ފަހަރާއި، "ޑީ" ކެޓަގަރީގެ އުޅަނދާއި، "އީ" ކެޓަގަރީގެ އުޅަނދާއި، "ވީ" ކެޓަގަރީގެ އުޅަނދު ފަހަރު ކަމަށެވެ. މިކަން މިހެން ކުރުމުގެ ބޭނުމަކީ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ ވޯޓުލުމަށްދާ ފަރާތްތަކަށާއި ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ އެކަމަށް ހައްލެއް ގެނައުމަށެވެ.

އެ އިއުލާންގައި ވިދާޅުވެފައިވަނީ މި އުޅަނދުފަހަރު ދުއްވުން މަނާ ވާނެ ވަގުތުތަކަކީ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 8:00 ކަމަށެވެ. ނަމަވެސް މި ވަގުތުގައިވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުފަހަރާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އިސްތިސްނާވާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެެއެވެ.