ޓްރެފިކް ޖޫރިމަނާ މައާފު ކޮށްދިނުމަށް އެދި 500 އަށްވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައި ވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ، ޖޫރިމަނާ މައާފު ކުރެވޭނީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރި ކުރުމަށް ފުލުހުން ފަރުމާކޮށް ކަނޑައަޅައި 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. ނަމަވެސް އެ ތަމްރީން ބާއްވާނެ ދުވަހެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް ވިދާޅުވީ، މި ތަމްރީނުގެ މަގުސަދަކީ ދެވަނަ ފަހަރަށް މި ކުށަށް އަރައި ނުގަނެވޭގޮތަށް މީހުން އަހުލުވެރި ކުރުވުމެވެ. މިއި ކުރަން ވަރަށް މުހިންމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ޖޫރިމަނާ މާފުކުރަން ނިންމެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ރައީސްގެ ނިންމެވުމާ ގުޅިގެން މައާފު ކުރުމަށް ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭނީ ލައިސަންސް އާ ގުޅޭ ޖޫރިމަނާ އާއި ގަވާއިދާ ހިލާފަށް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ އާއި އުޅަނދުގައި ހުންނަންޖެހޭ ތަކެތި ހަމަނުވެ ދުއްވުން ނުވަތަ ބޭނުންކޮށްގެން އަރާފައިވާ ޖޫރިމަނާ އާއި ޓެކްސީއާ ގުޅޭގޮތުން ކޮށްފައިވާ ޖޫރިމަނާއެވެ.

17 ނޮވެންބަރު 2018 އިން ފެށިގެން މި މަހުގެ ފަހެއްގެ ނިޔަލަށް ޓްރެފިކާ ގުޅިގެން ކުރެވިފައިވާ ޖޫރިމަނާ މައާފު ކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެކަމަށް އެދި ހުށަހުޅެމަށް ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.