ބައިނަލްއަގްވާމީ (އިންޓަނޭޝަނަލް) ޑްރައިވިން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެމިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ އެއްގަމު އުޅަނދު ދުއްވުމަށް ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން "އިންޓަރނޭޝަނަލް ޑްރައިވިން ލައިސަންސް" ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://sims.transport.gov.mv މި ލިންކް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޓްރާންސްޕޯޓުން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެވޭނީ އޭ-ޒޯނުގެ "ދާއިމީ ލައިސަންސް" ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރީން ހާމަކޮށްފައިވާ ގޮތުގައި އިންޓަރނޭޝަނަލް ޑްރައިވިން ލައިސަންސް ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ކަމަށް މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށެވެ.

"އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް" އަކީ "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެ ލައިސަންސެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.