ވެރިކަމަށް ވަޑައިގެން ސަތޭކަ ދުވަސް ތެރޭގައި ފުއްދަވަން އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާނޭ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫ އަށް ވަޑައިގެން، އެ ރަށުގައި ތިބި ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ޑރ. މުއިއްޒު މިހެން ވިދާޅުވީ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ. އެމީހާ ސުވާލުކުރީ "ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން 100 ދުވަސް ތެރޭގައި ކަންތައްތަކެއް ކުރަން ވައުދުވެ، އެކަން ނުވިކަމަށާއި، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ، 100 ދުވަސްތެރޭގައި ކަންތައްތަކެއް ކުރައްވަން ކަނޑައަޅުއްވައި އެކަން ކަން އެ މުއްދަތުގައި ހާސިލް ކުރައްވާނެތޯ" އެވެ. ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވީ 100 ދުވަސް ތެރޭ ފުއްދާކަށް އެއްވެސް ވައުދެއް ވެވަޑައިނުގަންނަވާނެ ކަމަށެވެ.

"100 ދުވަސް ތެރޭ ފުއްދާކަށް އެއްވެސް ވައުދެއް އަޅުގަނޑު ނުވާނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ފޭދޫގެ މަގުތައް ރަނގަޅު ފެންވަރުގައި ހައްދަވައިދެއްވާނޭ ކަމަށެވެ. އަދި ފޭދޫގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތުގެ ފެންވަރު ވެސް މަތިކުރާނޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް އެއާޕޯޓް ތަރައްގީކޮށް ސީޕްލޭން ޓާމިނަލް އެއް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ފޭދޫގައި މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއުއެއް ނުހުއްޓުވާ ބާރު ސްޕީޑުގައި ކުރިޔަށް ގެންގޮސް ނިންމަވާދެއްވާނޭ ކަމަށެވެ.

އަންނަ ހަފްތާގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް މުއިއްޒު ފޭދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.