މަސް ގަންނަ އަގު ކުޑަނުކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ތިނަދޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަސްވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތަކުގެ ވާހަކަ ހިއްސާކުރައްވައި އެމަނިކުފާނު ވިދާޅުވީ މަސްވެރިންގެ އެދުމާ އެއްގޮތަށް މަހުގެ އަގަށް ބަދަލު ގެނެވިފައިވާކަމަށެވެ. މިހާރު ރާއްޖޭގެ ކަންކޮޅުތަކުގައި މަސްވެރިކަން ކުރާ ކޮންމެ މަސްދޯންޏަކުން ކިރާ ކޮންމެ ކިލޯއަކަށް 25 ރުފިޔާ މިފްކޯއިން މިހާރު ދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރިޔާސީ އައު ދައުރަކަށް އެމަނިކުފާނު ހޮވިވަޑައިގެންނެވިޔަސް މަހުގެ އަގު ދެން ކުޑަ ނުކުރައްވާނޭ ކަމުގެ ޔަގީންކަން މަސްވެރިންނަށް ރައީސް ދެއްވިއެވެ. މަސްކިލޯއެއް ގަންނަ އަގު 25 ރުފިޔާއަށް ސަރުކާރުން ބޮޑުކުރީ ސެޕްޓެމްބަރ 16 ވަނަ ދުވަހު އެވެ. އެ ބަދަލު ރައީސް ގެންނެވީ ގިނައަދަދެއްގެ ކެޔޮޅުންނާއެކު މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ރައީސްގެ ވައުދުފުޅުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް ދަތިކަމަކީ ގެދޮރު އެޅުމަށް ބޭނުންވާ ފައިސާގެ ދަތިކަން ކަމަށެވެ. އެކަން ހައްލުކޮށްދެއްވުމަށް ހައުސިން ބޭންކެއް އުފައްދަވާނޭ ކަމަށް މިހާރުވާނީ އިއުލާންކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕެންޝަން ފަންޑު ބޭނުންކޮށްގެން ވެސް ގެދޮރު ހެދުމަށް ލޯނު ލިބޭގޮތް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައިސް ވިދާޅުވީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ލޯނު ލިބޭގޮތަށް ހަމަޖެހުމުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މީހެއް ކަމުގައިވިޔަސް، މާލޭ ރައްޔިތުންނެކޭ އެއްގޮތަށް ހައުސިން ލޯނު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކޮށް ބޯހިޔާވަހިކަމުގެ ބޮޑު ޕްރޮޖެކްޓެއް އަންނަ ދައުރުގައި ފަށްޓަވައި ދެއްވާނޭ ކަމަށެވެ. އެކަން ކޮށްދެއްވާނީ ބިންހިއްކައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.