ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރާކަން ހާމަކުރި ދީނީ 100 އިލްމުވެރިން ދެވަނަ ބުރުގައި ވެސް އެ ބޭފުޅުންގެ ތާއީދު މުއިއްޒަށް އޮތްކަން ހާމަކޮށް ތާއީދު އާ ކުރައްވައިފިއެވެ.
މި އިލްމުވެރިން ފުރަތަމަ ބުރަށް އެ ބޭފުޅުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގައި އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގަހައްޓައި އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމާއި ހުނަރާއި ތަޖުރިބާގެ ގޮތުން އެންމެ ގާބިލް ހުލްގުހެޔޮ ކެންޑިޑޭޓަކަށް އެ ބޭފުޅުންނަށް ފެނިވަޑައިގަތީ ޑރ. މުއިއްޒު ކަަމަށެވެ.
އެ އިލްމުވެރީން ވަނީ ދެވަނަ ބުރަށްވެސް އެ ބޭފުޅުންގެ ތާއީދު އޮތީ މުއިއްޒަށް ކަން ހާމަކޮށް އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގައި ކެންޑިޑޭޓަކު ނަންބަރު ހަތަރެއް، މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓް ދެއްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.
އަދި މި ހާލަތުގައި އިސްލާމް ދީނާއި ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމަކަން ރައްކާތެރިކޮށް ހިފަހައްޓައި މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.