މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑަން އުޅޭ ވާހަކަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ދޮގުކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފެތުރި ފަދަ ދޮގު ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް އިންތިހާބުގެ ދެވަނަ ބުރާއި ގުޅުވައިގެން ވެސް އެ ވާހަކަތައް ގެންދަނީ ފަތުރަމުން ކަމަށާއި އެއީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ވާހަކަތަކެއް ނޫން ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން ވަނީ އިންތިހާބުގެ ފުރަތަމަ ބުރު ފެތުރުނު ވާހަކަތަކާ ގުޅިގެން 17 ސެޕްޓެމްބަރ 2023 ގައި ބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ސްޓެލްކޯއިން ވަނީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތަކާއި މިންތައް، ދެމެހެއްޓުމަށް، އިލްތިމާސް ކޮށްފަައެވެ.

ސްޓެލްކޯއިން ނެރުނު މިބަޔާނުގައި ބުނީ، ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، ސްޓެލްކޯއާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތައް ކަމަށެވެ.