ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން މާދަމާ ހުޅުވާލާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ހެލްތު ކެއާ އަދި ސޯޝަލް ކެއާ ވޯކަރުންނަށެވެ.
ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރަން ގާއިމްކޮށްފައިވާ ޕޯޓަލް އަކީ my.health.mv އެވެ.
މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިޔުނައިޒޭޝަން ގެ ޗެއާ ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ކޮވިޑް ނައްތާލަން އޮތް އެންމެ ބޮޑު ހަތިޔާރަކީ ވެކްސިން ކަމަށެވެ.
"ބަލި ކޮންޓްރޯލު ކުރުމަށް ވެކްސިނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއް. ކޮވިޑަކީ ވެސް ވެކްސިންގެ ޒަރިއްޔާ އިން ކޮންޓްރޯލު ކުރެވޭނެ ބައްޔެއް،" ޑރ. ފައިސަލް ވިދާޅުވި އެވެ.
މި މަހު ފަހުކޮޅު ރާއްޖެއަށް ވެކްސިން ގެނެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ އަމާޒަކީ މި މަހުގެ 24 ވަނަ ދުވަހު ވެކްސިން ގެނެވޭތޯ ބެލުމެވެ.
ވެކްސިން ގަތުމަށްޓަކައި ޚަރަދުތައް ކުރުމަށް ޚާއްސަ ގަރާރެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ނެރުއްވާފަ އެވެ.