އިންޑިއާއިން އިއްޔެފެށި ކޮވިޑް-19 ވެކްސިން ދިނުމުގެ ކެމްޕެއިނަށް ބުރޫއަރައިފިއެވެ.

ވެކްސިން ކެމްޕެއިނަށް ބުރޫއެރީ، ވެކްސިން ދިނުމުގައި ބޭނުންކުރާ ޚާއްސަ އެޕްލިކޭޝަނަށް ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ.

ފުރަތަމަ ފިޔަވަހީގައި 300 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާއިރު، އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ކަންކަން ވިލަރެސް ކުރަމުންދަނީ އިންޑިއާ ސަރުކާރުން ހަދާފައިވާ "ކޯ-ވިން" ގެ ނަމުން ނަންދީފައިވާ މޮބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ.

ވެކްސިން ޖަހަންޖެހޭ ސިއްހީ ދާއިރާގެ މީހުންނަށް މި އެޕްލިކޭޝަން މެދުވެރިކޮށް މެސެޖެއް ފޮނުވައެވެ. އަދި އެމީހުން ވެކްސިން ޖަހަން ދާންޖެހޭ ތަރުތީބާއި، ދާންޖެހޭ ތަން އެޕްލިކޭޝަން މެދުވެރިކޮށް އަންގައިދެއެވެ. މިކަން އޮފިޝަލުންނަށް ބެލޭނެގޮތްވެސް އެޕްލިކޭޝަންގައި ވެއެވެ.

ނަމަވެސް، މައްސަލަ ޖެހުނީ، ފުރަތަމަ ދުވަހު ވެކްސިން ޖަހަން ހަމަޖެހިފައިވާ އެތައްބަޔަކަށް މެސެޖް ނުލިބިގެންނެވެ. މިކަމާހެދި އެތައްބަޔަކު ޝަކުވާތައް އުފުލާފައި ވެއެވެ. މިމައްސަލަ ކުރިމަތިވެގެން އުޅޭކަން އޮފިޝަލުންވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އެޕްލިކޭޝަނަށް މައްސަލަތަކެއް ދިމާވެގެން، ފުރަތަމަ ދުވަހު ވެކްސިން ދިނުމަށް އިންޑިއާއިން ކަނޑައެޅި ޓާގެޓަށް ނުދެވުނެވެ. ސްޓޭޓްތަކުންވެސްވަނީ، އެޕްލިކޭޝަނަށް މައްސަލަ ދިމާވެ، ކަނޑައެޅި އަދަދަށް މީހުންނަށް ވެކްސިން ނުދެވުނުކަން ހާމަކޮށްފައެވެ.

އިންޑިއާއިން ކަނޑައެޅި ފުރަތަމަ ދުވަހު ތިންލައްކަ މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް، އެޕްލިކޭޝަންގައި މައްސަލަތަކެއް ޖެހި، އިއްޔެ ވެކްސިން ދެވުނީ 191،181 މީހުންނަށް ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ.