ގއ. ދެއްވަދުއިން ބައެއް މީހުން ކޮވިޑަށް ޕޮޒިޓިވްވެ އުފެދުނު ކްލަސްޓާ އިން މިހާތަނަށް 69 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދެއްވަދޫ ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދެއްވަދޫ އިން ޕޮޒިޓިވްވި 55 މީހަކާއި، ލ. ފޮނަދޫ އިން ޕޮޒިޓިވްވި ހަތަރު މީހެއްގެ އިތުރުން ގއ. ވިލިނގިލިން ޕޮޒިޓިވްވި ދެ މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހަކާއި ގއ. ދާންދު އިން ޕޮޒިޓިވްވި ހަ މީހަކު ކަމަށެވެ.

ފުރަތަމަ ބެލެވިފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި ތުއްތު ކުއްޖެއްގެ ފަރާތުން ބަލި ފެތުރުނު ކަމަށެވެ. ނަމަވެސް ފަހުން ޕޮޒިޓިވްވި ކޭސްތަކަށް ބަލާއިރު އޭގެކުރިން ވެސް އެރަށުގައި އެ ބަލި ފެތުރިފައިވާކަން ވަނީ އެނގިފަ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެރަށަށް ބަލި ދިޔަގޮތް އަދިވެސް ހޯދިފައިނުވާކަމަށާއި އެ ސަބަބު ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދު އާއި ގަން މޮނިޓަރިންގެ ހާލަތަށް ގެނައުމަށްފަހު ފަހުން ވަނީ އެ ހާލަތު ނިމުމަކަށް ގެނެސްފަ އެވެ. އެ ކްލަސްޓާއާ ގުޅިގެން ގއ. ދާންދު އާއި ގއ. ވިލިނގިލި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ދާންދުއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.