ރިިޔާސީ އިންތިހާބުގެ ނަތީޖާއާއެކު މިވަގުތަކީ ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަކަން އިސްކޮށް ގައުމުގެ ހަމަޖެހުމަށް މަސައްކަތް ކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިިގެންފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާއާއިއެކު ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ މިވަގުތަކީ އެންމެން އެކަތިގަނޑަކަށްވެ އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. މިވަގުތު އިސްކުރަންވީ ޤައުމީ މަސްލަހަތު ކަމަށާއި، އަމިއްލަ މަސްހަތަށް ވުރެ ގައުމުގެ މަސްލަހަތުތައް މާބޮޑުވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއިން ލިބުނީ ހިތްހަމަޖެހުން ކަމަށާއި، ނަމަވެސް ނަތީޖާއާއިއެކު ކުރިންވެސް ދެންނެވި ގޮތަށް ހިދުމަތް ކުރައްވާނީ އެއްވެސް މީހަކު ތަފާތު ނުކޮށް ހަމަހަމަ އުސޫލުން ދެފުށް ފެންނަ ގޮތަށް ކަމަށެވެ.

"ކޮންމެ ދިވެހި ރައްޔިތަކީ ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަށް އެއީ ހަމަހަމަ ރައްޔިތެއް. އެއްވެސް ބޭފުޅަކު ހަމަޖެހުން ގެއްލޭފަދަ ކަމެއް ނުކުރުމަށް އިލްތިމާސް ކުރަން. އުފާ ފާޅުކުރާއިރުވެސް އުޅުމާއި ގުޅުން އޮންނަންވާނީ ރީތި އަހުލާގުގެ ތެރެއިން. އަޅުގަނޑުމެންގެ ސަޕޯޓަރުންވެސް އުފާފާޅު ކުރަންވާނީ ރީީތި އަހުލާގުގެ ތެރެއިން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މި ހުތޫރަތްތެރި ދަނޑިވަޅުގައި އެއްވެސް ފަރާތަކަށް ހަމަނުޖެހުން އުފެއްދުމަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ. މި ދަނޑިވަޅުގައި ހަމަޖެހުން ގާއިމް ކުރުމަށް އަތުގުޅާލުމަށް މުއިއްޒު ވަނީ ގޮވާލާފައެވެ. އަދި މިނިވަންކަން ހިމާޔަތްކޮށް، އިޤްތިޞާދު ނަގާ ކޮޅަށް ޖަހައިދޭނެ ކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް، ޑރ މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ވަރަށް އިހުލާސްތެރިކަމާ އަދަބުވެރި ކަމާއެކީގައި ދަންނަވާލަން އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަށް،" އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވުމަކީ މި ގައުމުގެ މަސްލަހަތަށްޓަކައި މިހާރު އެންމެ ރަނގަޅު ގޮތް ކަމަށެވެ.