ނިމިދިޔަ ރާއްޖޭގެ ރިޔާސީ އިންތިހާބު ދެބުރެއްގެ މަތިން ކުރިމަތިލައްވައިގެން، ރައްޔިތުންގެ ބޮޑު ތާއީދެއް ހޯއްދަވައި ދެބުރުވެސް ކާމިޔާބު ކުރެއްވެވި އިންތިހާބީ ރައީސް، ޑރ މުހައްމަދު މުއިއްޒު، ކާމިޔާބީގެ މި އާ ދުވަސް ފެށްޓެވީ ފަތިސްނަމާދުންނެވެ.
ހިތްވަރާއި ހިންމަތާއި މިންނަތުން، އެތައް ގިނަ ގޮންޖެހުންތަކަކާ ކުރިމަތި ލެއްވުމަށްފަހު ރާއްޖޭގެ ރައްޔިތުންގެ ބޮޑު ރުހުމަކާއެކު އިންތިހާބު ކާމިޔާބު ކުރެއްވި ޑރ މުއިއްޒުގެ ފަރާތުން މި މަންޒަރު ކެމްޕެއިން ތެރޭގައިވެސް ވަނީ ފެނިގެންގޮޮސްފައެވެ. ކެމްޕެއިން ތެރޭގައިވެސް ބަންގީގެ އަޑާއެކު އެކުރަން ހުންނެވިކަމެއް މެދުކަނޑާލެއްވުމަށްފަހު، ނޫން ނަމަ އަވަސް ކުރައްވައި އެކަމެއް ނިންމަވާލެއްމަށް ޑރ މުއިއްޒު ނަމާދަށް ވަޑައިގަންނަވާ މަންޒަރު އެތައް ފަހަރަކު ވަނީފެނިފައެވެ. އަދި ސޯޝަލްމީޑިޔާގައިވެސް މިވާހަކަ ގިނަ ބަޔަކު ވަނީ ހިއްސާކޮށްފައެވެ. ހަމައެހެންމެ މިއީ ގިނަ ދިވެހިންގެ ހިތްތަކުން ޑރ މުއިއްޒަށް ޖާގަ ލިބިގެން ދިޔަ އެއް ސަބަބުވެސްމެއެވެ.
އިއްޔެގެ ބޮޑު ކާމިޔާބީއާއެކު، މިއަދުގެ ދުވަސް ފަތިސްނަމާދުން ފެށްޓެވުމަށް ޑރ މުއިއްޒު މިސްކިތަށް ވަދެވަޑައިގަންނަވަނިކޮށް ނަގާފައިވާ ތަސްވީރަށް ގިނަ ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.
ގިނަބަޔަކު ބުނާ ގޮތުގައި މިއީ އާ ކަމެއް ނޫނެވެ. އަބަދުވެސް މިސްކިތަށް ވަޑައިގެން ޖަމާއަތުގައި ނަމާދު ކުރެއްވުމަކީ އެމަނިކުފާނުގެ އަބަދުގެވެސް އާދަފުޅެއް ކަމުގައި ސޯޝަލްމީޑިޔާގައި އެމަނިކުފާނު ދަންނަ ފަރާތްތަކުންނާއި މަންޒަރު ފެންނަފަރާތްތަކުން ބުނެފައިވެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ޑރ މުއިއްޒު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ވާދަކުރައްވައި ވޯޓުލީ މީހުންގެ 54 ޕަސެންޓާއެކު ކުރި ހޯއްދަވައިގެންނެވެ.
ޖުމްލަ 586 ފޮށި ވޯޓުލުމަށް ބެހެއްޓި އިރު މިހާތަނަށް އެންމެ ވޯޓު ފޮށްޓެއްގެ ނަތީޖާ ފިޔަވައި ހުރިހާ ފޮއްޓެއް ވަނީ ގުނާ ނިމިފައެވެ. އެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މުއިއްޒަށް 127،927 ވޯޓު ލިބިވަޑައިގެންފައި ވާއިރު ރައީސް ސާލިހަށް ލިބިވަޑައިގެންފައި ވަނީ 109،261 ވޯޓެވެ.