މާދަމައަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކަނޑައަޅުއްވައިފިއެވެ.

މިކަން އިއުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން މިއަދު ހެނދުނު ނެރުއްވި އިއުލާންގައެވެ.

ރައީސް މިގޮތަށް ނިންމެވީ، ސެޕްޓެންބަރު މަހުގެ 30 ވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީއެވެ.އަދި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައި ދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ އެކަމާވެސް ގުޅިގެންނެވެ.