އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ގެކޮޅަށް ބަދަލު ކުރުމަށް ފެށްޓެވި މަސައްކަތުން މިހާރު ގެކޮޅަށް ބަދަލު ކުރެވޭ ގޮތް ހަމަޖެހިއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިންތިހާބީ ރައީސްޑރ މުހައްމަދު މުއިއްޒު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލހާ ބައްދަލު ކުރައްވައިފައެވެ. ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް ނިންމުނީ މި ބައްދަލު ވުމަށްފަހުގައި ކަމަށް ބެލެވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ގެކޮޅަށް ބަދަލު ކުރެވޭނެ ވާހަކަ ވަނީ އެމަނިކުފާނުގެ އާއިލާއަށް އަންގަވާފައެވެ. އަދި މިއަދުގެ ހަވީރު ވުމުގެ ކުރިން އެެމަނިކުފާނު ގެކޮޅަށް ބަދަލު ކުރުމަށްޓަކައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށް އެބަގެންދެއެވެ.
އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސާލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހުތިރާމާއެކު އެދިލައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ސާލިހަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ.
އިންތިހާބުގެ ތެރޭގައިވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއް ކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.