ރައްޔިތުން ފަސް އަހަރަށް ވެރިއަކު އިންތިހާބު ކޮށްފައި ވަނިކޮށް، ނިޒާމީ ވޯޓެއް ނެގުމަކީ ގާނޫނާހިލާފު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން މި މަހުގެ 30 ވަނަ ދުވަހު ނިޒާމެއް ވޯޓެއް ނެގުމަށް ގަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަންސް އަށް ހުށަހަޅައިފައިވުމާ ގުޅިގެން އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އިންތިހާބީ ރައީސް އަދި ނައިބު ރައީސް، މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން ވެރިކަން ކުރާނެ ނިޒާމެއް ކަނޑައެޅުމަށް ވޯޓެއް ނެގުމަކީ ގާނޫނީއަސާސީގެ ރޫހާ ހިލާފު އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި އަމަލުކުރާ ގޮތެއް ނޫން ކަމަށެވެ. އަދި އެގޮތަކީ ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫން އަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިހާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށް، އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަގުވާމީ މުޖުތަމައުން އެ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށްފައި ވަނިކޮށް، އިންތިހާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ގާނޫން އަސާސީގެ ރޫހާ ހިލާފު އަދި ބައިނަލް އަގްވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލު ތަކާއިވެސް މުޅީން ހިލާފުކަމެކެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ."
ގާސިމް އިބްރާހީމް

ގާސިމް އެކްސްޕޯސްޓުގައި ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސަކާއި ނައިބު ރައީސެއް އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ޑިމޮކްރަސީގެ އަސާސްތަކާ ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭ ކަމެއް ނޫން ކަމަށެވެ.

"ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނޭކަމެއް ނޫނެވެ. އަދި ކޮށްގެންވާނެކަމެއް ވެސް ނުމެ ނޫންމެއެވެ."
ގާސިލް އިބްރާހީމް

އަމިއްލަ ފައިދާއަކަށް ނިޒާމީ ވޯޓެއް ނެގުމަކީ ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަކޮށް ގާސިމް ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން އުފެދިގެންދާނީ ފިތުނައާއި ފާސަދައިގެ އަލިފާނުގެ ހުޅުގަނޑު ކަމަށެވެ. އަދި ރާއްޖެ ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތްކޮށް، ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގައި ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ގާސިމު ވިދާޅުވީ، ބަރުލަމާނީ ނިޒާމަކުން ފައިދާ ލިބިގެންދާނީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތުގެ އިތުރުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް އައްޔަންކުރެވޭ މެންބަރުންގެ އިތުރުން ސަރުކާރު ހިންގުމަށް ހަވާލުކުރާ ފަރާތްތަކަށް ކަމަށެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

"ކަން މިހެން އޮތުމާއެކު މި މަހުގެ 30 ވަނަ ދުވަހު ރާއްޖޭގައި ވެރިކަމުގެ ނިޒާމާއި މެދު އިލްކްޝަންސް ކަމިޝަން މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީ އަކުން ތިމާމެނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާ ނަގައި، ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާ އެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން މި އުޅޭ ވޯޓަކީ ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާނޭ ވޯޓެއް ނޫންކަން އަދި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން،" .