ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި "ހިޔާ" މަޝްރޫއުގެ ދަށުން ގާއިމް ކުރި ފްލެޓްތައް ލިވޭ މީހުންގެ ފައިނަލް ލިސްޓް މި މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފި އެވެ.
މީގެކުރިން އެ ކޮމިޓީން ވަނީ އެކި ކެޓަގަރީތަކުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓެއް ނެރެފަ އެވެ. އެއީ މާލޭ ރައްވެހީންނަށް ޚާއްސަ ގެޓަގަރީ އާއި މާލޭ ދަފްތަރުގެ މީހުންނަށް ޚާއްސަ ކެޓަގަރީ އާއި 18 އަހަރާއި 41 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ޚާއްސަ ކެޓަގަރީ އާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންގެ ޚާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް އަދި ޑޮކްޓަރުންނަށާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ ޚާއްސަ ކެޓަގަރީއެވެ.
މި ކެޓަގަރީތަކުގެ ފްލެޓްތައް ހުރީ 25 ބުރީގެ 16 ޓަވަރުގަ އެވެ. ކޮންމެ ޓަވަރެއްގައި ހުރީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
އެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި މުއްދަތު މި މަހުގެ ފަހެއްގައި ވަނީ ހަމަވެފަ އެވެ.
ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ހުށަހެޅި ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ޖަވާބުދީ ނިންމައި މި މަހުގެ ތެރޭގައި ލިސްޓް ނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ފްލެޓް ދީފައި ވަނީ ބޭއިންސާފުން ކަމަށް ފްލެޓް ކޮމިޓީން މީގެކުރިން ވަނީ ބުނެފަ އެވެ. އެގޮތުން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލި ގޮތެއް އެނގެން ނެތް ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ.
މި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީން ޕޮއިންޓް ދީފައި ވަނީ ޕޮއިންޓްދޭނެ އިންސާފުވެރި މިންގަނޑެއް އެކަށައަޅައި ގޭގެއަށް ޒިޔާރަތްކޮށްގެނެވެ.