އެގާރަ އަަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 1049 ދުވަހުގެ ދިގު މުއްދަތަކަށްފަހު ގެއަށް ވަޑައިގެންފިއެވެ.

ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު މަރުހަބާ ދެންނެވި ވަގުތަކީ އަސަރުކުރާ ފަދަ މަންޒަރެކެވެ. ކަރުނައާއި ހިނިތުންވުމާއެކު މެޑަމް ފާތުން ފިރިކަލުންނަށް މަރުހަބާ ދެންނެވުމަށްފަހު އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމް/ޕީއެންސީގެ އިސްބޭބޭފުޅުންނާ ސަލާން ކުރެއްވި މަންޒަރު ފެނިގެންދިޔައެވެ.

ފޮޓޯ: ވަގުތު

ރައީސް ޔާމިން ގެކޮޅަށް ބަދަލު ކުރެއްވި ވަގުތު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޕީޕީއެމް/ޕީޕީއެންސީގެ އިސްބޭފުޅުން އެމަނިކުފާނުގެ ގެކޮޅު ކައިރީގައި ތިއްބެވެ. މުޅި އެސަރަހައްދު ވަނީ އެމަނިކުފާނަށް މަރުހަބާދަންނަވަން އައިސް ތިބި މީހުން ފުރާލާފައެވެ.

ރައީސް ޔާމީން ޖަލުހުކުމުން މިންޖުކުރެއްވުމަކީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވަރުގަދަ އަޒުމެއްގެ އިތުރުން އެމަނިކުފާނު އެންމެ ފުރަތަމަ ފުރިހަމަ ކުރައްވާނެކަމަށް ވެވަޑައިގެންފައިވާ ވައުދުވެސްމެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލހާ ބައްދަލު ކުރައްވައިފައެވެ. ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް ނިންމުނީ މި ބައްދަލު ވުމަށްފަހުގައި ކަމަށް ބެލެވެއެވެ.

ފޮޓޯ: ވަގުތު

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސާލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހުތިރާމާއެކު އެދިލައްވާ ކަމަށެވެ.

ފޮޓޯ: ވަގުތު

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ސާލިހަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތް ކަމަށެވެ.

އިންތިހާބުގެ ތެރޭގައިވެސް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސްކަމަށް މުއިއްޒު ވިދާޅުވިއެވެ. ރައީސް ޔާމީނަށް ކުރަމުންދާ އަނިޔާތަކީ ނުހައްގު އަނިޔާތަކެއް ކަމަށް މުއިއްޒު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.