ވެރިކަން ބަދަލުވެގެން ދިއުމާއެކު އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންތިހާބަށްފަހު ނޫސްވެރިންނާ ފުރަތަމަ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ސާލިހު އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކާ އެމްޑީޕީ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތުން މުހިންމު ކަމުގައެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުަގައި ބޭއްވުމަށް އިސްކަން ދެއްވާނެކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ގަދަފަދަ އޮޕޮޒިޝަން ޕާޓީއެއް އޮތުން މުހިންމު ކަމަށްވާތީ އެމްޑީޕީ ވަރުގަދަ ކުރައްވަން މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ މުހިންމީ އެމަނިކުފާނު ހުންނަ މަގާމެއް ނޫން ކަމަށާއި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކާ އެމްޑީޕީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބާއްވާނެކަމަށާއި، އެކަމަށްޓަކާ ކުރާންޖެހޭ މަސައްކަތް މިހާރުވެސް ފައްޓަވާފައި ވާކަމަށެވެ. އަދި ރައީސް ވިދާޅުވީ އެގޮތުން ކުރައްވަމުން ގެންދަވާ އެންމެ މުހިންމު މަސައްކަތަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހަށް ތައްރާރުވުން ކަމުގައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ކާމިޔާބީ ވަޒަން ކުރާނީ ރައްޔިތުންކަމުގައެވެ.

ރައީސް ސާލިހު ވިދާޅުވީ އިންތިހާބު ގެއްލުމުގެ ސަބަބުތައް ދެނެގަނެވޭނީ ރަނގަޅު ދިރާސާއެއް ކޮށްގެން ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ބުރު ނިމުމަށްފަހު ޕާޓީގެ އެތެރޭގެ ބައެއް ފަރާތްތައް މާޔޫސްވެފައިވާ ކަމުގައެވެ. އަދި ސަރުކާރާ ގުޅޭގޮތުން ދައްކަމުންދިޔަ ދޮގު ވާހަކަތަކަކީވެސް ސަރުކާރަށް ކުރިމަތިވި ގޮންޖެހުމެއްކަމުގައިވެސް ރައީސް ސާލިހު ވަނީ މިއަދުގެ މިބައްދަލުވުމުގައި ވިދާޅުވިއެވެ.