ރާއްޖެ ދޫކޮށް ވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދިރިއުޅުއްވާނީ ރާއްޖޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރެއްވި ކޮންމެ ކަމެއްކޮށް ކުރައްވާފައިވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ކޮށް ގޯސް ގޮތަކަށް ކުރެއްވި ހަމައެއްވެސް ކަމެއް ނޯންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގައުމު ދޫކޮށްލައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެން ގައުމުތަކަށް އާންމު މީހުން ދާގޮތަށް ދަތުރު ކުރެއްވުން ފިޔަވައި އެހެން ގޮތަކަށް ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމުގެ އެއްވެސް ފިކުރެއް ވިސްނުމެއް ނެތްކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިންތިހާބަށްފަހު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރައްވާނެކަމަށް ބައެއް ފަރާތްތަކުން ހީކުރެއްވިކަމުގައި ވިޔަސް އެކަމެއް ނުކުރައްވާނެކަމަށެވެ. އެމަނިކުފާނު ދިރިއުޅުއްވާނީ މާލޭގައި ނުވަތަ އަމިއްލަ އުފަން ރަށުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ގޯސް ގޮތަކަށް ކޮށްފައި ނުވާނެކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިނގަދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކިި ތުހުމަތު ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލާގައާއި ބައެއް އެއްބަސްވުންތަކާއި މެދު ސުވާލުތައް އުފެއްދި ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ގާނޫނީ އިމުގެ ބޭރުން ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އެލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.